ޚަބަރު

ހުޅުމާލޭގައި ކުޑަކުދިންގެ ހިޔާގެ އާ އިމާރާތެއް ހަދަނީ


ހުޅުމާލޭގައި ކުޑަކުދިންގެ ހިޔާގެ އާ އިމާރާތެއް އަޅާ މިހާރު ވިލިމާލޭގައި ހުރި ކުޑަކުދިންގެ ހިޔާގެ އިމާރާތުގައި ތިބި ދިހައަހަރުން ދަށުގެ ކުދިން އެއިމާރާތައް ބަދަލުކުރައްވާނެކަމަށް ލޯއެންޑް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ލޯ އެންޑް ޖެންޑަރ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ބަންޑާރަނައިބް މުހައްމަދު އަނިލް ވިދާޅުވީ މިހާރު ވިލިމާލޭގައި ހުރި ކުޑަކުދިންގެ ހިޔާގައި އެރުން ދެންތިބޭނީ  10 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންކަމަށެވެ. އަނިލް ވިދާޅުވީ ހުޅުމާލޭގައި އަޅާ އިމާރާތަކީ 129 ކުދިންގެ ޖާގައިގެ އިމާރާތެއްކަމަށެވެ.ހުޅުމާލޭގައި އެހާ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތެއް އަޅަނީ އެކިއެކި މައްސަލަތަކުގައި މިހާރު މިނިސްޓްރީން ރައްކާތެރިކަން ދޭންޖެހޭ ކުދިންގެ އުމުރުފުރާއަށް ބަލާއިރު އެންމެ ގިނައީ 10 އަރުން ދަށުގެ ކުދިންކަމަށް ފާހަގަކުރެވޭތީކަމަށް އަނިލް ވިދާޅުވިއެވެ. އަދި އަލަށް މިހެދޭ ތަނާއެކު އެކުދިންނަށް ބޭނުންވާ ފަރުވާއާ އެހީތެރިކަންވެސް ކޮންމެކުއްޖަކަށްވެސް ދިމާވި މައްސަލައެއް ވަކިވަކީން ބެލުމަށްފަހު ފޯރުކޮށްދެވޭނެ އިންތިޒާމް މިތަނުގައި ހަމަޖެހިގެންދާނެކަން އަނިލް ފާހަގަކުރެއްވިއެވެ.ބަންޑާރަނައިބް އަނިލް ވިދާޅުވީ މިހާރު ވިލިމާލޭގައި ހުރި ކުޑަކުދިންގެ ހިޔާއަކީ 40 ކުދިންގެ ޖާގައިގެ ތަނެއް ނަމަވެސް މިހާރު އެތަނުގައި 115 ކުދިން އެބަތިބިކަމަށެވެ. އެހެންކަމުން އިމާރާތުގެ ޖާގައަށްވުރެ ކުދިން ސަބަބުން އެކަށީގެންވާގޮތަށް އެކުދިންނަށް ބޭނުންވާ ޚިދުމަތް އެހީތެރިކަން ފޯރިކޮށްދޭން މިހާރު ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަން އަނިލް ފާހަގަކުރެއްވިއެވެ.