ޚަބަރު

ކޮންޓެކްޓް ޓްރޭސިންގައި ފަރުވާކުޑަކުރުމަށް އެއްވެސް އުޒުރެއް ނެތް: ޑަބްލިއުއެޗުއޯ


ކޯވިޑް-19 ޖެހިފައިވާ މީހުން ދެނެގަތުމަށް ކޮންޓްރެކްޓް ޓްރޭސިންގައި ފަރުވާކުޑަކުރާ ޤައުމުތަކަށް ދެއްކޭނެ އެއްވެސް އުޒުރެއް ނޯންނާނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނެފިއެވެ.

ޑަބްލިއުއެޗުއޯގެ ސެކެޓްރީ ޖެނެރަލް ޓެޑްރޮސް އެދަނޮމް ގެބްރިއޭސުސް ވިދާޅުވީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ކޮންޓެކްޓް ޓްރޭސިންގެ ޒަރިއްޔާއިން ބަލިޖެހިފައިވާ މީހުންނާ ބައްދަލުވެފައިވާ މީހުން ދެނެގަތުންކަމަށެވެ. އޭނާ ވިދާޅުވީ ބަލި ފެތުރުން ހުއްޓުވުމުގައި ގިނަ ޤައުމުތަކުން ކުރިއެރުންތަކެއް ހޯދި ނަމަވެސް ދުނިޔޭގައި ބަލި ފެތުރޭ މިންވަރު އަދިވެސް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ހަލުވިކަމާއެކު އިތުރުވަމުންކަމަށެވެ. އަދި ބަލި ފެތުރުން ހުއްޓޭނެ ދުވަހެއް އަންދާޒާކުރަން ނޭނގޭކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗުއޯގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ ދެކުނު ކޮރެޔާފަދަ ޤައުމުތަކުގައި ބަލި ފެތުރޭ މިންވަރު ދަށްކުރެވުނީ ކޮންޓެކްޓް ޓްރޭސިންގެ ހަރުދަނާ ނިޒާމެއް ބޭނުންކޮށްގެންކަމަށާއި ވަރަށް އުނދަގޫ ޙާލަތްތަކުގައިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށެވެ. ކޮންގޯގައި އިބޯލާ ފެތުރުނު ދުވަސްވަރު ޑަބްލިއުއެޗުއޯއިން ކުރި މަސައްކަތްތަކަށް އަލިއަޅުވާލައްވާ ޓެޑްރޮސް ވިދާޅުވީ ޙަމަލާ ބަދަލުކުރަމުންދިޔަ ވަރަށް އެކަހެރި ސަރަޙައްދުތަކުގައިވެސް ބަލިޖެހުނު މީހުންނާ ބައްދަލުވެފައިވާ 25،000އަށްވުރެ ގިނަ މީހުން ކޮންޓެކްޓް ޓްރޭސިން މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ފާހަގަކުރަމުންދިޔަކަމަށެވެ. އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގަކީ އުނދަގޫ މަސައްކަތެއްކަމަށް ބުނެ އެދެވޭ ގޮތެއްގައި އެ މަސައްކަތް ކުރިއަށް ނުގެންދިއުމަކީ ޤަބޫލުކުރެވޭނެ އުޒުރެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ބަލި ފެތުރެން ފެށުމުން ޑަބްލިއުއެޗުއޯއިން އެދެވޭ ފިޔަވަޅުތަކެއް އަޅާފައިނުވާކަމަށާއި އެ ޖަމްޢިއްޔާއިން ޗައިނާއަށް ދޫދޭކަމަށް ބުނެ އެމެރިކާއިންވަނީ އެ ޖަމްޢިއްޔާއަށް ދެމުންދިޔަ މާލީ އެހީތެރިކަން ކަނޑާލާފައެވެ. ވައިރަހަކީ ޗައިނާގެ ތަހުލީލީ އިދާރާއަކުން ފެތުރެންފެށި ބަލިމަޑުކަމެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕާއި ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯވަނީ ތުހުމަތުކުރައްވާފައެވެ. ނަމަވެސް އެ ތުހުމަތުތައް ޗައިނާއިންވަނީ ދޮގުކޮށްފައެވެ. ސައިންސުވެރިން ޤަބޫލުކުރަނީ ކޯވިޑް-19އަކީ ގުދުރަތީ ގޮތުން އުފެދުނު ބައްޔެއްކަމަށެވެ.

ޑަބްލިއުއެޗުއޯގެ ފަރާތުން ޗައިނާއަށް ޚާއްޞަ ވަފުދެއް ފޮނުވަން ނިންމާފައިވާކަމަށް ޖޫން މަހުގެ 29ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވަނީ އިޢުލާނުކޮށްފައެވެ. ޑަބްލިއުއެޗުއޯއިން ބުނީ ބަލި އެންމެ ފުރަތަމަ ފެތުރުނު ޗައިނާއަށް ބަލި ފޯރި ގޮތް އެ ވަފުދުން ތަހުޤީޤުކުރާނެކަމަށެވެ. މަލިމަޑުކަމުގެ އަސްލު މަސްދަރު ދެނެގަތުމުން ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ފަސޭހަވާނެކަމަށް އެ ޖަމްޢިއްޔާއިންވަނީ ބުނެފައެވެ.