ޚަބަރު

އެމެރިކާގެ ރައީސް ހައްޔަރުކުރުމަށް އިންޓަޕޯލުގެ އެހީތެރިކަމަށް އީރާނުން އެދެފި


އެމެރިކާއިން ޢިރާޤަށް ދިން ވައިގެ ޙަމަލާއެއްގައި އީރާނުގެ އަސްކަރީ ވެރިއެއްކަމަށްވާ ޤާސިމް ސުލައިމާނީ އަވަހާރަވުމުން އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕާއި އެ ޤައުމުގެ ސަރުކާރުގެ ގިނަ ޢަދަދެއްގެ އިސްވެރިން ހައްޔަރުކުރުމަށް އީރާނުން އިންޓަޕޯލުގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އީރާނުން ބުނީ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލި ޙަމަލާއާ ގުޅިގެން ރައީސް ޓުރަންޕުގެ އިތުރުން އެމެރިކާގެ ސަރުކާރުގެ 30އަށްވުރެ ގިނަ އިސްވެރިންނާ ދެކޮޅަށް ގަސްތުގައި މީހެއް މަރާލުމާއި ނިރުބަވެރި ޢަމަލެއް ހިންގިކަމުގެ ދަޢުވާ އުފުލާފައިވާކަމަށާއި އެ މީހުން ހައްޔަރުކުރުމަށް އިންޓަޕޯލުގެ އެހީތެރިކަމަށް އެދިފައިވާކަމަށެވެ. ނަމަވެސް ސިޔާސީ، އަސްކަރީ، ދީނީ އަދި ނަސްލީ އެއްވެސް މައްސަލައެއްގެ ތެރެއަށް އިންޓަޕޯލުން ނުވަންނާނެކަމަށް އެ އިދާރާއިން ނެރުނު ބަޔާނެއްގައިވަނީ ބުނެފައެވެ. އަދި އެފަދަ އެއްވެސް އެދުމަކަށް އިންޓަޕޯލުން ޢިޖާބަ ނުދޭނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އީރާނަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ޚާއްޞަ މަންދޫބު ބުރަޔަން ހުކު ވިދާޅުވީ އީރާނުގެ ޢަމަލަކީ ވަކި ފިކުރެއް ފެތުރުމަށް ކުރާ މަސައްކަތެއްކަމަށެވެ. އީރާނުން ހުށަހަޅާފައިވަނީ ސިޔާސީ އެދުމެއް ފުއްދުމަށްކަމަށާއި އެއީ ޤައުމީ ސަލާމަތާއި ބައިނަލްއަޤްވާމީ ހަމަޖެހުމާ އެއްވެސް ގުޅުމެއް ނެތް ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ އެދުންތަކަށް އެއްވެސް ބަޔަކު ތަބާނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.