ޚަބަރު

މިއީ އީރާނަށް ކުރިމަތިވި އެންމެ ދަތި އަހަރު: ރޫޙާނީ


ކޯވިޑް-19ގެ ސަބަބުން ކުރިމަތިވާ އިޤްތިޞާދީ ގޮންޖެހުންތަކާއި އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މިއީ އީރާނަށް ވަރަށް އުނދަގޫ އަހަރެއްކަމަށް އެ ޤައުމުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނިއުކުލިއަރ ބާރުތަކާއެކު އެކުލަވާލާފައިވާ އެއްބަސްވުމުން 2018ވަނަ އަހަރު އެމެރިކާއިން ވަކިވުމަށްފަހު އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައްވަނީ އަލުން ރުޖޫޢަކޮށްފައެވެ. އޭގެ ސަބަބުން އީރާނަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަން ކޯވިޑް-19ގެ ސަބަބުންވަނީ އިތުރަށް ގޯސްވެފައެވެ. މި ހަފުތާގައި އީރާނުގެ ފައިސާގެ އަގުވަނީ މީގެ ކުރިން ދަށްނުވާ މިންވަރަށް ދަށްވެފައެވެ.

ޓިވީ މެދުވެރިކޮށް ދެއްވި ޙިޠާބެއްގައި ރައީސް ރޫޙާނީ ވިދާޅުވީ 2018ވަނަ އަހަރުން ފެށިގެން އީރާނުން ތަޙައްމަލު ކުރަމުންދާ އިޤްތިޞާދީ ދަތިކަން ކޯވިޑް-19ގެ ސަބަބުން އިތުރުވެފައިވާކަމަށާއި މިވަގުތު ދިމާވެފައިވާ ޙާލަތަކީ އެ ޤައުމުން މިހާތަނަށް ކުރިމަތިލާފައިވާ އެންމެ އުނދަގޫ ޙާލަތުކަމަށެވެ.

ރޫޙާނީ ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށް ޖުލައި މަހުގެ 5ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރިފައިވާ ސަރަޙައްދުތަކުގެ ޢާންމު ތަންތަނުގައި މާސްކު ބޭނުންކުރުން ލާޒިމްވާނެކަމަށެވެ. ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އީރާނުގައި އަޅާފައިވާ ބައެއް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އޭޕްރިލް މަހުވަނީ ލުއި ދޭން ފަށައިފައެވެ. އެއާއެކު އެ ޤައުމުގައި ބަލި ފެތުރޭ މިންވަރާއި މަރުވާ މީހުންގެ ޢަދަދުވަނީ ކުއްލިއަކަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހިފައިވާ 2،489 މީހުންވަނީ އެ ޤައުމުން ފެނިފައެވެ. އެ ޤައުމުގައި ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދުވަނީ 222،669އަށް އިތުރުވެފައެވެ. ކޯވިޑް-19ގެ ސަބަބުން ދުވާލަކު މަރުވާ މީހުންގެ ޢަދަދުވެސް ވަނީ 100އަށްވުރެ އިތުރުވެފައެވެ. ބަލިމަޑުކަމުގެ ސަބަބުން މިހާތަނަށް 10،508 މީހުން އެ ޤައުމުގައިވަނީ މަރުވެފައެވެ.

ކޯވިޑް-19ން ރައްކާތެރިވުމަށް މާސްކު ބޭނުންކުރުމަށް ސަރުކާރުން ދެމުންދާ އިރުޝާދަށް ގިނަ ޢަދަދެއްގެ މީހުން އެއްބާރުލުން ނުދޭތީ ޖޫން މަހުގެ 27ވަނަ ދުވަހު އެ ޤައުމުގައިވަނީ ޢާންމުން ހޭލުންތެރިކުރުމުގެ ޚާއްޞަ ހަރަކާތެއް ފަށައިފައެވެ.