ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބުގައި މެޚްރޮންގެ ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް


ފަރަންސޭސިވިލާތުގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޤައުމުގެ ރައީސް އެމަނުއެލް މެޚްރޮންގެ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

2022ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް މެޚްރޮން އުންމީދުކުރެއްވީ އޭނާގެ ލަ ރެޕަބްލިކޭ އެން މާޝޭ، އެލްއާރުއީއެމަށް އޮތް ތާޢީދު ފުޅާކުރެއްވުމަށެވެ. ނަމަވެސް އިންތިޚާބުގައި ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ވައަތު ފިޔައިގެ ގުރީން ޕާޓީންނެވެ. ވެރިރަށް ޕެރިސްފަދަ ބޮޑެތި ސިޓީތަކުން އެލްއާރުއީއެމަށް މާބޮޑު ތާއީދެއް ލިބިފައެއް ނުވެއެވެ. ޕެރިހުން އެލްއާރުއެމަށް ލިބުނީ 13 އިންސައްތަ ވޯޓެވެ. މީގެ އިތުރުން، ލިޔޯނާއި މާސޭއާއި ބޯޑޫއާއި ސްރެސްބޯފަދަ ބޮޑެތި ސިޓީތައް ވެސް ކާމިޔާބުކޮށްފައިވަނީ ގުރީން ޕާޓީންނެވެ.

އިންތިޚާބުގައި އެލްއާރުއެމަށް ލިބުނު މައިގަނޑު ކާމިޔާބީއަކީ ލެ އާވްޚަގެ މޭޔަރުގެ މަޤާމަށް ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު އެޑުއާޚް ފިލީޕް އިންތިޚާބުވެވަޑައިގަތުމެވެ. 59 އިންސައްތައާ ގާތްކުރާ ޢަދަދަކަށް އޭނާއަށްވަނީ ވޯޓު ލިބިވަޑައިގެންފައެވެ. ބޮޑުވަޒީރުގެ މަޤާމުގައި ހުންނަ ބޭފުޅަކަށް މޭޔަރުކަންވެސް ޢަދާކުރުމަށް ފަރަންސޭސިވިލާތުގެ ޤާނޫނުން ޖާގަދިން ނަމަވެސް ބޮޑުވަޒީރުގެ ގޮތުގައި އެޑުއާޑު ޢަދާކުރައްވާ ދައުރާމެދުވަނީ ސުވާލު އުފެދިފައެވެ.

ލޯކަލް ކައުންސިލު އިންތިޚާބުގެ ވޯޓުލުމުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ. ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މެޚްރޮންވަނީ އެ ޤައުމުގައި ހަރުކަށި ފުރަބަންދެއް އިޢުލާނުކުރައްވާފައެވެ. އެއަށްފަހު ދެވަނަ ބުރުގެ ވޯޓުލުންވަނީ ފަސްކޮށްފައެވެ. ވޯޓުލުމުގެ ދެވަނަ ބުރުގައި ވޯޓުލާން ނުކުތް މީހުންގެ ޢަދަދު ވަރަށް ދަށެވެ. ފަރަންސޭސިވިލާތުގެ ދާޚިލީ ވުޒާރާއިން ބުނީ ވޯޓުލާން ނުކުތީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 40.5 އިންސައްތަކަމަށެވެ.