ޚަބަރު

ސްރީ ލަންކާގެ ފުރަބަންދު އުވާލާ ޢާންމު ޙާލަތަލަށް ޤައުމު ގެނެސްފި


ސްރީ ލަންކާގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ އުޞޫލުތައް އުވާލައި އެ ޤައުމު ޢާންމު ޙާލަތަކަށް ގެނެސްފިއެވެ.

ސްރީ ލަންކާގައި 2037 މީހުންނަށް ކޯވިޑް-19 ޖެހި، 11 މީހުންވަނީ މަރުވެފައެވެ. ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ސްރީ ލަންކާ ފުރަބަންދުކުރީ މާރިޗު މަހުގެ 20ވަނަ ދުވަހުއެވެ. ޤައުމުގެ ޙާލަތު ރަނގަޅުވާން ފެށުމުން އެ ޤައުމުގެ ސަރުކާރުން ފަހުންވަނީ ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިނުމަށްފަހު ވަކި ވަތުތުތަކެއްގައި ކާފިއު އިޢުލާނުކޮށްފައެވެ. އެ ޤައުމުގެ ސަރުކާރުންވަނީ މަރުހަލާތަކަކަށް ބަހާލައިގެން މެއި މަހުން ފެށިގެން ވިޔަފާރިތަކާއި އިދާރާތައް ހުޅުވުމުގެ ޙުއްދަ ދީފައެވެ. އަދި ޖޫން މަހުގެ ކުރީކޮޅު ދަތުރުފަތުރު ކުރުމަށް ބޮޑެތި ލުއިތަކެއް ދިނުމަށްފަހު، ކާފިއުގެ ވަގުތުވަނީ ހަމައެކަނި ރޭގަނޑުގެ ވަގުތުތަކަށް ކުރުކޮށްފައެވެ.

ކޯވިޑް-19 ޖެހިފައިވާ މީހަކު ސްރީ ލަންކާއިން އެންމެ ފަހުން ފެނިފައިވަނީ އޭޕްރިލް މަހުގެ 30ވަނަ ދުވަހުއެވެ. ޖޫން މަހުގެ 1ވަނަ ދުވަހުން ފެށިގެން ބަލީގެ ސަބަބުން އެއްވެސް މީހަކު އެ ޤައުމުގައި މަރުވެފައެއް ނުވެއެވެ. އެއާއެކު އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ އުވާލައިފައެވެ. ސްރީ ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ރަސްމީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޫން މަހުގެ 28ވަނަ ދުވަހުން ފެށިގެން އެ ޤައުމުގައި އިޢުލާނުކޮށްފައިވާ ކާފިއު އެއްކޮށް އުވާލާފައިވާކަމަށެވެ.

ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސްރީ ލަންކާގައި އަޅާފައިވާ ފިޔަވަޅުތައް އުވާލުމުގެ މައިގަނޑު ބޭނުމަކީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލިސް އެކުލަވާލުމަށް ބާއްވާ ޢާންމު އިންތިޚާބު ބޭއްވުމަށްކަމަށެވެ. ކޯވިޑް-19ގެ ސަބަބުން ދެ ފަހަރެއްގެ މަތިން ފަސްކޮށްފައިވާ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 5ވަނަ ދުހުއެވެ. އޭގެ ކުރިން އޮގަސްޓު މަހުގެ 1ވަނަ ދުވަހު އެ ޤައުމުގެ ސަރަޙައްދީ ރޮނގު ހުޅުވުމަށްވަނީ ހަމަޖެހިފައެވެ.