2008ވަނަ އަހަރު އިންޑިޔާގެ މުންބާއީއަށް ދިން ޙަމަލާގެ އެއް މޭސްތިރިކަމަށްވާ ޕާކިސްތާނަށް ނިސްބަތްވާ ސާޖިދު މިރު އިންޑިޔާއަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.
2008ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26ވަނަ ދުވަހު ޕާކިސްތާނުގެ ލަޝްކަރޭ ޠައިބާއަށް ނިސްބަތްވާ ދިހަ ހަނގުރާމަވެރިންވަނީ މުންބާއީގެ ހޮޓަތަކަކާއި ރޭލު ސްޓޭޝަނަކަށާއި ދީނީ މަރުކަޒަކަށް ޙަމަލާދީފައެވެ. ތިން ދުވަހަށް ދެމިގެންދިޔަ އެ ޙަމަލާތަކުގައި 166 މީހުން މަރުވެ، 300 މީހުންވަނީ ޒަޚަމްވެފައެވެ. ޙަމަލާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި އިންޑިޔާގެ ރައްޔިތުންނާއި އެމެރިކާގެ ރައްޔިތުންނާއި ވިލާތާއި އޭޝިޔާގެ ބައެއް ޤައުމުތަކަށް ނިސްބަތްވާ ރައްޔިތުން ހިމެނެއެވެ. އެ ޙަމަލާގެ މުހިންމު މޭސްތިރިއެއްކަމަށްވާ ސާޖިދުގެ މައްޗަށް އިންޑިޔާއާއި އެމެރިކާގައިވަނީ ދަޢުވާ އުފުލައިފައެވެ.
ސާޖިދު މިނިވަންކަމާއެކު ޕާކިސްތާނުގައި ދިރިއުޅެމުންދާކަމަށް އެމެރިކާއިންވަނީ މިދިޔަ ހަފުތާގައި ބުނެފައެވެ. ނިރުބަވެރިކަމާ ގުޅޭގޮތުން އެމެރިކާއިން ނެރުނު ރިޕޯޓެއްގައި ބުނީ އެ ޖަމާޢަތުގެ އިސްވެރިޔާ ހާފިޒު ސައީދާ ދެކޮޅަށް ޕާކިސްތާނުން މިދިޔަ އަހަރު ފިޔަވަޅު އެޅި ނަމަވެސް އެ ޖަމާޢަތުގައި އިސްކޮށް ޙަރަކާތްތެރިވާ އެހެން ހަނގުރާމަވެރިންނަށް ޕާކިސްތާނުން ހިމާޔަތް ދީފައިވާކަމަށެވެ. އޭގެ ތެރޭގައި މުންބާއީއަށް ދިން ޙަމަލާ ރޭވުމުގައި އިސްކޮށް އުޅުން ސާޖިދުވެސް ހިމެނޭކަމަށް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
އިންޑިޔާގެ ސަރުކާރުން ބުނީ މުންބާއީއަށް ދިން ޙަމަލާ ޕާކިސްތާނުގައި ހުރެ ރޭވި މޭސްތިރިންގެ ތެރޭގައި ހިމެނޭ ސާޖިދު އިންޑިޔާއަށް ހަވާލުކުރުމަށް އެތައް ފަހަރެއްގެ މަތިން ޕާކިސްތާނުގެ ސަރުކާރުގައި އެދިފައިވާނެކަމަށެވެ. އިންޑިޔާއިން ބުނީ ޕާކިސްތާނުން ސާޖިދާ ދެކޮޅަށް ފިޔަވަޅު ނޭޅުމަކީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ޕާކިސްތާނުން ދީފައިވާ ޔަޤީންކަމާ ފުށުއަރައި ކަމެއްކަމަށެވެ.
ޕާކިސްތާނަކީ ނިރުބަވެރިންނަށް އޮތް ރައްކާތެރި ފަސްގަނޑެއް ގޮތަށް ސިފަކޮށް އެމެރިކާއިން ނެރެފައިވާ ރިޕޯޓު ބަލައިނުގަންނަކަމަށް ޕާކިސްތާނުންވަނީ ބުނެފައެވެ. އަދި ގިނަ ޢަދަދެއްގެ ހަނގުރާމަވެރި ޖަމާޢަތްތަކުގައި އިސްކޮށް އުޅޭ މީހުންނާ ދެކޮޅަށް ދަޢުވާކޮށްފައިވާކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ބުނެދައެވެ.