ޕާކިސްތާނުގެ ޙިއްޞާގެ ބާޒާރު ހިންގާ އިމާރާތަށް ދިން ޙަމަލާއެއްގައި ހަތް މީހުން މަރުވެއްޖެއެވެ.
ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީކަމަށްވާ ކަރާޗީގައި ހުންނަ އިމާރާތަށް ޙަމަލާދީފައިވަނީ އަތުބޮމާއި ބަޑި ހިފައިގެން ތިބި ހަތަރު މީހުންނެވެ. އެ މީހުންވަނީ ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ރައްދުގައި ދިން ޙަމަލާތަކުގައި މަރުވެފައެވެ. އޭގެ ތެރެއިން ދެ މީހުން މަރާލާފައިވަނީ އިމާރާތުގެ މައި ދޮރާށި ކައިރިންކަމަށާއި ޙަމަލާގައި ބައިވެރިވި އަނެއް ދެ މީހުން މަރާލާފައިވަނީ އިމާރާތުގެ އެތެރޭގައި ޙަރަކާތްތެރިވަމުންދަނިކޮށެވެ.
ޕާކިސްތާނުގެ ސަރުކާރުން ބުނި ގޮތުގައި އެ ޙަމަލާގައި މަރުވި މީހުންގެ ތެރޭގައި ފުލުހަކާއި ޢާންމުންގެ ދެ މީހުން ހިމެނެއެވެ. އަދި އިތުރު ހަތް މީހުންވަނީ ޙަމަލާގައި ޒަޚަމްވެފައެވެ.
ޕާކިސްތާނުގެ ޙިއްޞާގެ ބާޒާރު ހިންގާ އިމާރާތަށް ދިން ޙަމަލާގެ ޒިންމާ އުފުލާފައިވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ދަ ބަލޫޗިސްތާނު ލިބަރޭޝަން އާމީންނެވެ.