ވިޔަފާރި

ޗެކުގެ ބަދަލުގައި އޮންލައިންކޮށް ފެން ބިލަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި


ޗެކުގެ ބަދަލުގައި ފެން ބިލަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް އެމްޑަބްލިޔުއެސްސީން ހަމަޖައްސައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ގޭބީސީތަކާއި މުއައްސަސާތަކާއި ވިޔަފާރިތަކުގެ ތެރެއިން، ޗެކް މެދުވެރިކޮށް ފައިސާ ދައްކަވާ ފަރާތްތަކަށް އޮންލައިން ޓްރާންސްްްްްފަރ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.

ޗެކުގެ ބަދަލުގައި އޮންލައިން ޓްރާންސްފަރ ކުރެވޭނެ އިންތިޒާމް ބެންކުން ހަމަޖައްސާފައިވާއިރު، އާއްމު ގޭބީސީތަކުގެ ވަކިވަކި ބިލްތަކަށް މިހާރުވެސް އޮންލައިންކޮށް ފައިސާ ދެއްކޭނެއެވެ. ނަމަވެސް ގިނަ ބިލުތަކަކަށް އެއް ފަހަރާ އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމެއް ކުރިން ނޯވެއެވެ.

ކޯވިޑްއާ ގުޅިގެން އެމްޑަބްލިޔުއެސްސީން ވަނީ ގައިދުރުކަން އިސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގޭގެއަށް ގޮސް ބިލުގެ ރީޑީންގ ނެގުމުގެ ބަދަލުގައި ކަސްޓަމަރުން މިހާރު ޖެހޭނީ އަމިއްލައަށް މީޓަރުގެ ފޮޓޯއެއް ފޮނުވާށެވެ. އަދި ކައުންޓަރަށް ގޮސް ބިލު ދެއްކުމުގެ ބަދަލުގައި، އެކަންކަން ވަނީ އޮންލައިންކޮށްފައެވެ.