ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްސަލަ މިހާރު ކުރިއަށް ގޮސްފައިވާ ހިސާބެއް ސާފުކުރުމަށާ، އެމައްސަލައާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ހައިކޯޓްގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާނާ ބައްދަލު ކުރުމުގެ ފުރުޞަތަކަށް އިދިކޮޅު ކޯލިޝަނުން އެދިއްޖެއެވެ.
ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ހައިކޯޓްގެ އިސް ފަނޑިޔާރަށް ފޮނުއްވާފައިވާ ސިޓީގައިވަނީ ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 5 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއްނުނިމި ގިނަދުވަސްތަކެއް ވަމުންދާތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވާކަމަށެވެ. މިގޮތުން ދިވެހި ރައްޔިތުންގެ ކުރިމަތީގައި ހިނގާދިޔަ ޝަރީއަތެއްގައި ރައިސް ޢަބްދުﷲ ޔާމީނަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ނުފޫޒުން ކޮށްފައިވާ ހުކުމެއް ކަމަށާއި، ރައީސް ޢަބްދުﷲ ޔާމީން ޖަލުގައި ހޭދަކުރަމުންދާ ކޮންމެ ދުވަހަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ އިންސާފުގެ ހައްޤުން އެމަނިކުފާނު މަހްރޫމް ވަމުންދާ ދުވަސްތަކެއްކަމަށްވެސް އެސިޓީގައިވެއެވެ.
ކުރިމިނަލް ކޯޓުން ރައީސް ޢަބްދުﷲ ޔާމީނަށް ކޮށްފައިވާ 5 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 24 ފެބްރުއަރީގައިކަމަށްވެފައި، އޭގެ ފަހުން 3 މަސްދުވަސް ވޭތުވެގެން ދިޔައިރުވެސް މި މައްސަލައާ ގުޅޭގޮތުން ހައިކޯޓުން އަޑުއެހުމެއް ބާއްވާފައި ނުވާތީ އެޕާޓިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރައީސް ޢަބްދުﷲ ޔާމީން ކަފާލާތުގެ ދަށުންވެސް ގެޔަށް ބަދަލުކުރުމުގެ ފުރުޞަތު ނުލިބި އިސްތިއުނާފު މަރުހަލާ ދިގުދެމިގެން ދިއުމަކީ ޤައުމުގެ އަދުލު އިންސާފުގެ ދާއިރާއާ ދޭތެރޭ ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެދި ޤައުމުގެ ހަމަޖެހުމަށް އެކަމުގެ ސަބަބުން އަސަރުކުރާނެކަމެއްކަަމަށް އިދިކޮޅުން ފޮނުވި ސިޓީގައިވެއެވެ.
މީގެ އިތުރުން ކޮވިޑް-19ގެ ފުރަބަންދުގައިވެސް ހައިކޯޓުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް އުސޫލުތަކެއް ކަނޑައަޅައި ހައިކޯޓުގެ މައްސަލަތައް ކުރިއަށް ގެންދާ ދަނޑިވަޅެއްގައި، 5 އަހަރުގެ ރިޔާސީ ޚިދުމަތްތެރި ދައުރެއް ފުރިހަމަ ކުރެއްވުމަށްފަހު މިވަގުތު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުންނެވި ހަމައެކަނި އިދިކޮޅު ލީޑަރު އިންސާފު ނުލިބި ޖަލުގައި ހުންނެވުމަކީ މިވަގުތު ދިވެހިރާއްޖޭގެ އެތައްހާސް ދިވެހި ރައްޔިތުންގެ މަސްލަހަތާ ގުޅިފައި އޮތް ކަމެއްކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ރައީސް ޢަބްދުﷲ ޔާމީންގެ މައްސަލަ މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު ސާފުކުރުމަށާ، މި މައްސަލައާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށްބޭނުންވާތީ، ވީއެންމެ އަވަހަކަށް ހައިކޯޓްގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާނާއި ބައްދަލު ކުރުމުގެ ފުރުޞަތު ދެއްވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އެދިފައެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމްއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ޚިޔާނާތުގެތެރެއިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި އިތުރު 3 ފަރާތެއްގެ މައްޗަށް 591 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން ވަނީ ދަޢުވާކޮށްފައެވެ.