ކުޅިވަރު

ލަންކާ ޤައުމީ ޓީމުގެ ކުޅުންތެރިން ކޯވިޑް-19 އަށް ނެގެޓިވް


ސްރީލަންކާގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހުރިހާ އެންމެން ކޯވިޑް19 އަށް ނެގެޓިވްވެއްޖެއެވެ.

ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުރިން ކޯޗުކޮށްދިން އާމިރު އަލަގިޗްގެ ކޯޗުކަމުގައި ލަންކާގެ ޤައުމީ ފުޓްބޯޅާ ޓީމު މިހާރު ވަނީ ވޯރލްޑް ކަޕް ކޮލިފައިން އާއި ސާފް ޗެމްޕިއަންޝިޕަށް ޕްރެކްޓިސް ފަށައިފައެވެ.

އޭގެ ކުރިން ކޯވިޑް19 އަށް ހުރިހާ ކުޅުންތެރިން ޓެސްޓްކުރުމަށް ކުރި ޕީސީއާރު ޓެސްޓްތަކުން އެއްވެސް މީހަކު ޕޮޒިޓިވްނުވާ ކަމަށް ލަންކާ ފެޑަރޭޝަނުން މިހާރު ވަނީ ބުނެފައެވެ. ނަމަވެސް ކުޅުންތެރިން ޕްރެކްޓިސް ކުރަންވާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށްވަނީ އަންގާފައެވެ.

ލަންކާއިން ޤައުމީ ޓީމުގެ ޕްރެކްޓިސް ފެށިއިރު އެޤައުމުގެ އެންމެ ބޮޑު އެއް އަމާޒަކީ ސެޕްޓެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕުން ރަނގަޅު ނަތީޖާއެއް ހޯދުންކަމަށެވެ. ނަމަވެސް ކޯވިޑް19ގެ ސަބަބުން މެޗުތަކުގެ ޝެޑިއުލަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ބަންގަލްދޭޝްގައި ބާއްވާ މުބާރާތް ކުޅޭނެކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ އިތުރުން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ޤައުމީ ޓީމުގެ ޕްރެކްޓިސް ވެސް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ފަށަން އެފްއޭއެމްއިން ވަނީ ނިންމާފައެވެ. އެފްއޭއެމްއިން މިހާރު ވަނީ އަތޮޅު ތެރޭގައި ތިބި ޤައުމީ ޓީމުގެ ކުޅުންތެރިން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން މާލެ އައުމަށްވެސް އަންގާފައެވެ. އަދި ޕްރެކްޓިސް ފެށުމުގެ ކުރިން ކޯވިޑް-19އަށް ހުރިހާ ކުޅުންތެރިން ޓެސްޓްކުރެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ.