ވިޔަފާރި

ރާއްޖެއަށް ޚާއްސަކުރި ލަލީގާގެ މެޗު 50 މިލިއަން މީހުން ބެލި


ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުން އިޝްތިހާރުކުރުމަށް ޚާއްސަކުރި ސްޕެނިޝް ލަލީގާގެ ބާސެލޯނާއާއި ސެލްޓަވީގޯ ބައްދަލުކުރި މެޗު 50 މިލިއަން މީހުން ބަލާނެކަމަށް އަންދާޒާކުރެވޭކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ ސެލްޓަވީގޯގެ ބަލައިޑޮސް ސްޓޭޑިއަމްގައި ކުޅުނު މެޗު އެތައް މިލިއަން ބަޔަކު ބަލާފައިވާއިރު، ޖުލައި 15ގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުން އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް މިމެޗުގެ ތެރެއިން ކުރިއަށްގެންދިޔަކަމަށެވެ.

މެސީ، ސުއާރޭޒް، ގްރީޒްމަންފަދަ ދުނިޔޭގެ މަޝްހޫރު ތަރިން ފެނުނު މެޗު ފެށިގެންދިޔައީ ރާއްޖޭގެ ފަތުރުވެރިން އަލުން ފަށާ ތާރީހްގެ ބޮޑު އިޝްތިހާރެއް ދަނޑުގެ ސެންޓަރ ސާކްލްގައި ދައްކާލުމަށްފަހުއެވެ.

މެޗު ފެށުމުގެ ކުރިން ކުޅުންތެރިން ފަރިތަކުރަމުންދިޔައިރުވެސް މިއިޝްތިހާރު ސެންޓަރ ސާކްލްއިން ފެންނަން ހުއްޓެވެ. އަދި 85 މިލިއަން މީހުންގެ ފޭންބޭސްއެއް އޮންނަ ސެލްޓަވީގޯގެ ސޯޝަލް މީޑިއާ އެކައުންޓްތަކުންވެސް ދިޔައީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަމުންނެވެ.

ސެންޓަރ ސާކްލް އިޝްތިހާރުގެ އިތުރުން މެޗު ކުޅެމުންދިޔައިރު ދަނޑުގެ ވަށައިގެން އެނބުރޭ އެލްއީޑީ އިޝްތިހާރު ބޯޑުތަކުގައިވެސް ރާއްޖޭގެ ފަތުރުވެރިން ދިޔައީ އިޝްތިހާރުކުރަމުންނެވެ. ސެލްޓަވީގޯ ކުޅުންތެރިންގެ ޖާޒީންވެސް ފެންނަނީ ރާއްޖޭގެ އިޝްތިހާރެވެ. މީގެއިތުރުން މެޗުގެ ހާފްޓައިމްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށްދޭ ރީތި ވީޑިއޯތަކެއްވެސް ގެނެސްދިނެވެ. އަދި މެޗަށްފަހު ނޫސްވެރިން ބައިވެރިވާ ޕްރެސް ކޮންފަރެންސްގެ ތެރެއިންވެސް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައެވެ.

ރާއްޖޭގެ ސްޕޮންސަރއާއެކު ކުޅޭ ސެލްޓަވީގޯއިން ވަރުގަދަ ބާސެލޯނާ 2-2ގެ ނަތީޖާއަކުން ހިފެހެއްޓިއިރު، މީގެކުރިން ކުޅުނު ދެ މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސްޕޮންސަރކޮށްފައިވާ ސްޕެނިޝް ލަލީގާގެ ސެލްޓަވީގޯއިން ދަނީ ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ޖުލައި 15ގައި އަލުން ފަތުރުވެރިކަން ފަށަން ރާއްޖެއިން ކުރާ މަސައްކަތަށްވެސް އެކްލަބުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން 85 މިލިއަން މީހުންގެ ފޭން ބޭސްއެއް އޮންނަ ސެލްޓަވީގޯގެ މިލިއަނުން ފޮލޮވަރުން ތިބޭ އެޓީމުގެ އެންމެ މަޝްހޫރު ކުޅުންތެރިން ރާއްޖެ އިޝްތިހާރުކޮށްދޭ ވީޑިއޯ މެސެޖުތައް ދަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލަމުންނެވެ.