ކުޅިވަރު

އަރްތޫރް ކުލަބު ބަދަލުކުރަން އުޅޭ ވާހަކަ އޭނާ އެއްވެސް މީހެއް ކައިރި އަދި ނުބުނޭ: ސެޓިއެން


ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފިލްޑަރ އަރްތޫރް މެލޯ ކްލަބް ދޫކޮށްލާ ވާހަކަ ކްލަބުގެ އެއްވެސް އޮފިޝަލަކާއި ކުޅުންތެރިއެއްވެސް އޭނާ ގާތުގައި ނުބުނާކަމަށް ބާސެލޯނާގެ ކޯޗު ބުނެފިއެވެ. ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނީ މެލޯ ކްލަބު ދޫކޮށްލާ ވާހަކަ މިވަގުތު ދެއްކުމުގެ މާބޮޑު މާނައެއް ނެތްކަމަށެވެ.

ސްޕެނިޝް ލީގުގައި ސެލްޓަވީގޯ އާއި ދެކޮޅަށް ވާދަކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ސެޓިއެން ބުނީ، ސެލްޓަވީގޯ މެޗަށް ތައްޔާރުވާން ކުރި ފަރިތަކުރުންތަކުގައިވެސް އަރްތޫރް ބައިވެރިވި ކަމަށާއި، ޓިމާއިއެކު ސެލްޓަވީގޯއަށްވެސް އޭނާ ދާނެކަމަށެވެ.
އަދި އޭނާ ކުލަބު ބަދަލުކުރަން އުޅޭ ވާހަކަ ދައްކަނީ ނޫސްވެރިން ކަމަށާއި، ކުލަބުގެ އެއްވެސް ކުޅުންތެރިއެއް އަދި އޮފިޝަލެއްވެސް އޭނާ ބަދަލުވާން އުޅޭ ވާހަކަ ބުނެފައި ނުވާކަމަށެވެ.

ސެޓިއެން ބުނީ، މިވަގުތު އޭނާ ކުލަބު ބަދަލުކުރުންވެސް އެއީ މާ ރަނގަޅު ޚިޔާލެއް ނޫންކަމަށާއި، މިވަގުތު މުހިންމީ ލީގުގައި ބާކީއޮތް ހަތް މެޗު ކާމިޔާބުކުރަންކަމަށެވެ. ކުލަބު ދޫކޮށްލާނަމަ އެންމެ ފަހު ވަގުތުވެސް ކާމިޔާބީއެއް ހިއްސާކުރަން ކޮންމެ ކުޅުންތެރިއެއްވެސް ބޭނުންވާނެކަމަށާއި، އަނެއްކޮޅުން ބާސެލޯނާގައި އަރްތޫރް މެލޯއަކީ މުހިންމު ކުޅުންތެރިއެއްކަމަށް ކޯޗް ސެޓިއެން ފާހަގަކުރިއެވެ.

މީޑިއާ ރިޕޯޓްތަށް ބުނާގޮތުން ބާސާއިން ވަނީ އަރްތޫރް މެލޯ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ވިއްކާލަން ނިންމާފައެވެ. ނަމަވެސް މިޑީލް ނުނިމިފައި އޮތީ ޔުވެންޓަސްއިން މިކަމާއިމެޗު އަދި ވަކިގޮތެއް ނިންމާފައިނުވާތީއެވެ. އަދި އަރްތޫރް ވިއްކާލުމަށްފަހު ބާސެލޯނާއިން ބޭނުންވަނީ ޔުވެންޓަސްގެ ބޮސްނިއާ މިޑްފިލްޑަރ މިރަމެލް ޕިޔަނިކް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ލީގާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ސެޓިއެންބުނީ، ލީގު ކާމިޔާބުކުރުން މިވަގުތު އޮތީ ޗެލެންޖަކަށް ވެފައި ކަމަށާއި، ބާކީއޮތް ހަތްމެޗު ކާމިޔާބުކޮށްގެންނޫނީ ލީގު ކާމިޔާބުކުރެވެން ނެތްކަމަށެވެ. ސެޓިއެންބުނީ ބާސާއިން މަސައްކަތް ކުރާނީ މިވަގުތު އެއްވަނާގައިއޮތް ރެއާލް މެޑްރިޑުންވެސް ބާކީހުރި މެޗުތަށް ކާމިޔާބުކުރާނެކަމަށް ވިސްނައިގެން ފަރުވާތެރިކަމާއިއެކުގައި ކަމަށެވެ.