ޚަބަރު

ކޯވިޑް-19 : ބަލި ޖެހުނު މީހުންގެ ޢަދަދު 10 އަކަށްވުރެ ދަށަށް


ރާއްޖެއިން ކޯވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 6 މީހުންކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރޭގެ 6އިން މިރޭގެ 6އަށް ޓެސްޓްކުރި ސާމްޕަލްތަކިގެ ތެރެއިން އިތުރު 6 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މިީގެތެރޭގައި ހިމެނެނީ 3 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހެކެވެ.

މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމަލް އަދަދު މިވަނީ 2283އަށް އިތުރުވެފައެވެ. މިއަދު ވެގެން މިދިޔައީ މިހިނގާ ހަތްފާގައިވެސް އެންމެ މަދު ޕޮޒިޓިވް ކޭސް ފެނުނު ދުވަހަށެވެ. ފުރަބަންދަށް ލުއި ދޭން ފެށިތާ ދެހަފްތާއާ ގާތްވެފައިވާއިރު މިހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެއްވެސް ދުވަހަކު 22 ކޭސްއަށްވުރެ ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެފައި ނުވެއެވެ.

ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 ޖެހުނު މީހުންގެ ތެރޭގައި ގިނައީ ރާއްޖޭގައި ދިރިއުޅޭ އެކި ޤައުމުތަކުގެ ރައްޔިތުންނެވެ. މީގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. މިޙާތަނަށް ބަންގްލަދޭޝްއަށް ނިސްބަތްވާ 1189 މީހުން ޕޮޒިޓިވްވެފައިވާއިރު ޕޮޒިޓިވްވި ބިދޭސީންގެ ޖުމަލް އަދަދަކީ 1486 އެވެ. މި ބަލި މިހާތަނަށް ޖެހުނު ދިވެހިންގެ އަދަދަކީ 804 އެވެ.