ޚަބަރު

ބިން ލާދިންނަކީ ޝަހީދެއްކަމަށް ވިދާޅުވުމުން ޢިމްރާން ޚާން ހޫނު ފެނަށް


ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އެމެރިކާއިން އަލްޤައިދާގެ ކުރީގެ ވެރިޔާ އުސާމާ ބިން ލާދިން ޝާހިދުކޮށްލިކަމަށް ވިދާޅުވުމުން އެ ޤައުމުގެ ބޮޑުވަޒީރު ޢިމްރާނު ޚާނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

އެމެރިކާއަށް ދިން އެންމެ ބޮޑު ނިރުބަވެރި ޙަމަލާކަމަށްވާ ސެޕްޓެންބަރު 11ގެ މޭސްތިރިއަކީ ބިން ލާދިންނެވެ. އެ ޙަމަލާ ދިނުމަށްފަހު 10 އަހަރު ވަންދެން ފިލައިގެން އުޅެނިކޮށް އެމެރިކާ ސިފައިން ދިން ޙަމަލާއެއްގައި އޭނާ މަރުވެފައިވަނީ 2011ވަނަ އަހަރު ޕާކިސްތާނުގެ އައްބަތުއާބާދުގައެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ރޭގަނޑެއްގެ ކަނުއަނދިރީގައި ޕާކިސްތާނަށް އެތެރެވެ، އެ ޙަމަލާ ދީފައިވަނީ ޕާކިސްތާނުގެ ސަރުކާރަށް އަދި އެ ޤައުމުގެ އަސްކަރިއްޔާއަށާއި ޖާސޫސީ އިދާރާތަކަށް ނޭނގިއެވެ.

ޕާކިސްތާނާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމާ ގުޅޭގޮތުން ޤާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ޢިމްރާން ޚާން ވިދާޅުވީ އެމެރިކާއިން އައްބަތުއާބާދަށް ގޮސް ބިން ލާދިން ޝަހީދުކޮށްލައި ޕާކިސްތާނު ލަދުގަންނުވާލައިފައިވާކަމަށެވެ. ބިން ލާދިންނަކީ ޝަހީދެއްގެ ގޮތުގައި ސިފަކުރެއްވުމުން އިދިކޮޅު ސިޔާސީވެރިއެއްކަމަށްވާ ޚަވާކާ އާސިފުވަނީ މަޖިލީހުގެ ތަޅުމުގައި އެކަމާމެދު ނުރުހުން ފައުޅުކުރައްވައިފައެވެ. ކުރީ ސަރުކާރުގައި ޚާރިޖީ ވަޒީރުކަންވެސް ކުރެއްވި އާސިފު ވިދާޅުވީ ބިން ލާދިންނަކީ ނިރުބަވެރިއެއްކަމަށާއި އޭނާގެ ޢަމަލުތަކުގެ ސަބަބުން ޕާކިސްތާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އެފަދަ މީހަކާ ދިމާލަށް ޝަހީދެކޭ ބުނުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. 2011ވަނަ އަހަރު ޕާކިސްތާނުގެ ވެރިކަމުގައި އޮތް ޕާކިސްތާނު ޕީޕަލްސް ޕާޓީގެ ބިލަވަލް ބުއްޓޯ ޒަރުދާރީވެސް ވިދާޅުވީ ހައްދުފަހަނައަޅައިފައިވާ މީހުންނަށް ބޮޑުވަޒީރު ޢިމްރާން ޚާން ހިތްވަރު ދެއްވަނީކަމަށެވެ.

ޤާނޫނުހަދާ މަޖިލީހުގައި ބޮޑުވަޒީރު އިމްރާން ޚާން ދެއްވި ޙިޠާބުގައި ބިން ލާދިންނާ ގުޅޭގޮތުން ވާހަކަދައްކަވާފައިވަނީ ޕާކިސްތާނަކީ ސަރަޙައްދީ ނިރުބަވެރި ޖަމާޢަތްތަކަށް އޮތް ރައްކާތެރި މާޙައުލެއްކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނިކޮށެވެ. އެ ރިޕޯޓާ ގުޅޭގޮތުން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލްޤައިދާގެ ބާރު އެ ސަރަޙައްދުގައި ކުޑަވެފައިވާކަމަށް ރިޕޯޓުގައި ބުނި ނަމަވެސް އެކަން ޙާޞިލްކުރުމަށް ޕާކިސްތާނުން ޢަދާކުރި މުހިންމު ދަޢުރު ފާހަގަކޮށްފައިނުވާކަމަށެވެ.