ޚަބަރު

ވަގު ލައިސަންސު ގެންގުޅޭ ޕާކިސްތާނުގެ 150 ޕައިލެޓުން މަސައްކަތުން އެކަހެރިކޮށްފި


މަތިންދާބޯޓު ދުއްވުމުގެ ޞައްޚަނޫން ލައިސަންސު ގެންގުޅޭކަމަށް ބެލެވިގެން ޕާކިސްތާނު އިންޓަނޭޝަނަލް އެއަރލައިންސް، ޕީއައިއޭގެ 150 ޕައިލެޓުން މަސައްކަތުން އެކަހެރިކޮށްފިއެވެ.

ޕާކިސްތާނުގެ ވައިގެ ދަތުރުފަތުރާބެހޭ ވަޒީރު ގުލާމު ސަރުވާރު ޚާން ވިދާޅުވީ ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ޕައިލެޓުންގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުންނަކީ ސައްޚަނޫން ލައިސެންސު ގެންގުޅޭ މީހުންކަމަށާއި އިމްތިޚާނުތަކުގައި މަކަރު ހަދާފައިވާ މީހުންކަމަށެވެ. އޭނާ އެހެން ވިދާޅުވެފައިވަނީ މެއި މަހުގެ ތެރޭގައި ޕީއައިއޭގެ މަތިންދާބޯޓެއް ވެއްޓި 97 މީހުން މަރުވީ މަތިންދާބޯޓު ދުއްވަން ތިބި ޕައިލެޓުންނާއި އެއަރ ޓްރެފިކް ކޮންޓްރޯލުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިޙުމާލުންކަމަށް އެ ހާދިޘާގެ ތަހުޤީޤު ރިޕޯޓުގައި ފާހަގަކޮށްފައިވަނިކޮށެވެ.

އެ ރިޕޯޓާ ގުޅޭގޮތުން ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ގުލާމު ވިދާޅުވީ 2018ވަނަ އަހަރު މަތިންދާބޯޓެއް ވެއްޓުމުގެ ހާދިޘާއެއްގައި މަތިންދާބޯޓު ދުއްވި ޕައިލެޓެއްގެ އަތުގައި ސައްޚަނޫން ލައިސެންސެއް އޮތްކަމަށް ބެލެވިގެން ފުޅާ ތަހުޤީޤެއް ފަށާފައިވާކަމަށެވެ. އެ ހާދިޘާގައި މަތިންދާބޯޓު ދުއްވި ޕައިލެޓުގެ ލައިސަންސުގައި އިމްތިޚާނު ފުރިހަމަކުރި ތާރީޚުގެ ގޮތުގައި ޖަހާފައިވަނީ ސަރުކާރު ބަންދު ދުވަހެކެވެ. އެހެންކަމުން އެއީ އޮޅުވާލުމެއްކަމަށް ބެލެވެއެވެ. އެއަށްފަހު ތަހުޤީޤު ފުޅާކޮށް ގިނަ ޢަދަދެއްގެ ޕައިލެޓުންގެ ލައިސެންސުގައިވާ މަޢުލޫމާތުގެ ޞައްޚަކަން ދަނީ ޔަޤީންކުރަމުންނެވެ.

1965ވަނަ އަހަރުން ފެށިގެން ޕީއައިއޭގެ 10 މަތިންދާބޯޓެއް ވެއްޓުމުގެ އިތުރުން ގިނަ ޢަދަދެއްގެ ހާދިޘާތަކެއްވަނީ ހިނގާފައެވެ. އެ ހާދިޘާތަކާ ގުޅިގެން ތަހުޤީޤުތަކެއް ކުރި ނަމަވެސް މައްސަލައަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ޕާކިސްތާނުގެ ވައިގެ ދަތުރުފަތުރާބެހޭ ވަޒީރު ވިދާޅުވީ ފަހުގެ ތަހުޤީޤުތަކުން ދައްކާ ގޮތުގައި އެ ޤައުމުގެ 860 ޕައިލެޓުންގެ ތެރެއިން 260 މީހުންނަކީ ޞައްޚަނޫން ލައިސެންސު ގެންގުޅޭ މީހުން ނުވަތަ އިމްތިޚާނުގައި މަކަރު ހަދާފައިވާ މީހުންނެވެ.

ޕީއައިއޭގެ ތަރުޖަމާނަކު ބުނީ އެ އެއަރލައިނުގެ 434 ޕައިލެޓުންގެ ތެރެއިން 150 ޕައިލެޓުންގެ ލިޔެކިޔުންތަކުގައި މައްސަލަ ހުރިކަމަށް ފާހަގަވުމުން އެ މީހުން މަސައްކަތުން އެކަހެރިކޮށްފައިވާކަމަށެވެ. އޭގެ ސަބަބުން އެ އެއަރލައިނުގެ ދަތުރުތަކަށް ބުރޫއެރުން އެކަށީގެންވާކަމަށް އޭނާ ބުންޏެވެ.

ވައިގެ ދަތުރުފަތުރާބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާކަމަށްވާ އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓު އެސޯސިއޭޝަން، އައިއާޓާއިން ބުނީ ޕައިލެޓުންގެ ލިޔެކިޔުންތަކުން ފާހަގަވެފައިވާ މައްސަލަތަކުން ސަލާމަތީ ކަންކަމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ހާމަކޮށްދޭކަމަށެވެ.