ޚަބަރު

އިންޑިޔާއަށް ހޮނުއަޅައި 100އަށްވުރެ ގިނަ މީހުން މަރުވެއްޖެ


އިންޑިޔާގެ ދެ ސްޓޭޓަކަށް ހޮނު އަޅައި 100އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ އުތުރުގެ އެކި ސަރަހައްދުތަކަށް ހޮނުއެޅުމުގެ ޙާދިޘާތަކުގައި ބިހާރުން 83 މީހުން އަދި އުއްތަރު ޕްރަދޭޝުން މަދުވެގެން 22 މީހުން މަރުވެފައިވާކަމަށް އެ ސްޓޭޓުތަކުގެ ސަރަޙައްދީ ސަރުކާރުތަކުންވަނީ ބުނެފައެވެ. ހޮނު އެޅުމުގެ ސަބަބުން އުއްތަރު ފްރަދޭޝްގައި 12 މީހުންނަށް އެކިވަރުގެ އަނިޔާވަނީ ލިބިފައެވެ. ބިހާރުގައި އަނިޔާވި މީހުންގެ ޢަދަދު ސާފެއް ނުވެއެވެ. މަރުވި މީހުންގެ ވާރިޘުންނަށް ބަދަލެއްގެ ގޮތުގައި 5،300 އެމެރިކާ ޑޮލަރު ދޭނެކަމަށް އެ ސްޓޭޓުތަކުގެ ސަރަޙައްދީ ސަރުކާރުތަކުންވަނީ އިޢުލާނުކޮށްފައެވެ.

މޫސުމީ ގަދަ ވިއްސާރައިގެ ދުވަސްވަރު ވިދުމާއި ހޮނުއެޅުމަކީ އިންޑިޔާގައި ޢާންމުކަމެކެވެ. ނަމަވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވުމަށްފަހު ކުއްލިއަކަށް ވިއްސާރަވުމުން ހޮނުއަޅާ މިންވަރު އިތުރުވާކަމަށް ކްލައިމެޓް ރެސިލިއެންޓް ސިސްޓަމްސް ޕްރޮމޯޝަން ކައުންސިލުން ނެރުނު ރިޕޯޓެއްގައިވަނީ ފާހަގަކޮށްފައެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 1ވަނަ ދުވަހާ ޖުލައި މަހުގެ 31ވަނަ ދުވަހާ ދެމެދު ބިހާރަށް 225،508 ފަހަރު ހޮނުއަޅާފައިވެއެވެ. އަދި އުއްތަރު ޕްރަދޭޝަށް 322،886 ފަހަރު ހޮނުއަޅާފައިވެއެވެ. އޭގެ ސަބަބުން އެ މުއްދަތުގައި 394 މީހުންވަނީ މަރުވެފައެވެ.