ޚަބަރު

ރައީސް ޔާމީން އަލުން ވެރިކަމަށް ގެނައުމުގެ ވަޢުދާއެކު ޑރ.ޖަމީލް އަލުން ޕީޕީއެމްއަށް


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލުން ސަލާމަތްކުރައްވައި، ކުރިއަށްއޮތް ރިޔާސީ ދައުރުގައި ރާއްޖޭގެ ވެރިކަމަށް އިންތިޚާބުކޮށްދެއްވަން މަސައްކަތްކުރެއްވުމުގެ ވަޢުދާއެކު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު އަނެއްކާވެސް ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ފުރަތަމަ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވަނީ މިރޭ ޕީޕީއެމްއަށް ސޮއިކުރެއްވުމަށްފަހު ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމަށް ވަޑައިގަތީ އިންސާފުގެ ދަތުރަކުންކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށާ، އިންސާފު ޤާއިމުކުރައްވަން ވެވަޑައިގެންނެވި އެއްވެސް ވަޢުދުފުޅެއް ފުރިހަމަ ނުކުރެއްވޭކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

އެގޮތުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ޝާމިލުވާ މީހުން ހޯދައި އެމީހުންގެ މައްޗަށް އިންސާފު ޤާއިމުކުރުމަށް މިސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށް ޑރ.ޖަމީލް ތުހުމަތުކުރެއްވިއެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކު ޖަލުގައި ހުންނެވުމަކީ ޤަބޫލުފުޅު ކުރެއްވޭނެކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކޮށް އަލުން ޤައުމު ރަނގަޅު މިސްރާބަކަށް ގެންދިއުމަށް ރައީސް ޔާމީން ޖަލުން މިނިވަންކޮށް ރާއްޖޭގެ ވެރިކަމަށް ގެނައުން ނޫންގޮތެއް ނެތްކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. ޕީޕީއެމްއަށް ސޮއިކުރެއްވުމާއެކު ޕީޕީއެމްއާއި ޕީއެންސީގެ ޚައްސަ އެޑްވައިޒަރަކަށް އެދެޕާޓީން ވަނީ ޑރ.ޖަމީލްވަނީ ހަމަޖައްސާފައެވެ.

ރައީސް ޔާމީންގެ ފުރަތަމަ ނައިބުރައީސް ޑރ.ޖަމީލު ފުރަތަމަ ޕީޕީއެމްއަށް ސޮއިކުރެއްވީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށެވެ. އެއާއެކު އެޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިންމޭޓުގެ ގޮތުގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ރާއްޖޭގެ ނައިބުރައީސަށް ވެވަޑައިގަތެވެ.

އެހެންނަމަވެސް ވެރިކަމަށް މާގިނަ ދުވަސްތަކެއް ނުވެ ރައީސް ޔާމީނާއި ޑރ.ޖަމީލްގެ ޚިޔާލު ތަފާތުވެ ޕީޕީއެމްގެ މެމްބަރުންގެ ފާޑުކިއުމާއި ނުރުހުން ޑރ.ޖަމީލަށް އަމާޒުވިއެވެ. އަދި ޕީޕީއެމްގެ މަޖިލިސް މެމްބަރުންވަނީ އޭނާގެ އިތުބާރުނެތްކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޤާމުން ވަކިކޮށްފައެވެ. މިކަންތައްތައް ހިނގަންފެށުމާއެކު ޑރ.ޖަމީލްވަނީ އިނގިރޭސިވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުންނަވައި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުން ޚިޔާނާތާއި ކޮރަޕްޝަން އިންތިހާއަށް ހިންގާކަމަށް ވިދާޅުވެ ރައީސް ޔާމީން ވެރިކަމުން ވަކިކޮށް ޝަރީޢަތް ހިންގައި ޖަލަށް ލުމަށްވެސް ޑރ.ޖަމީލްވަނީ އޭރު ގޮވާލައްވާފައެވެ. އަދި އޭރުގެ އިދިކޮޅު ފަރާތްތަކުން އުފެއްދި "މޯލްޑިވްސް ޔުނައިޓެޑް އޮޕަޒިޝަން" އެމް.ޔޫ.އޯގެ ރައީސަކީވެސް ޑރ.ޖަމީލެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމުން އެނބުރި ރާއްޖެ ވަޑައިގެން ޑރ.ޖަމީލް ގުޅިވަޑައިގަތީ ޖުމުހޫރީ ޕާޓީއާއެވެ. އަދި އެޕާޓީގެ ޓިކެޓުގައި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ނާކާމިޔާބަ ކުރިމަތިވިއެވެ. އެއަށްފަހު މަޑުމަޑުން ސަރުކާރާ ޚިޔާލު ތަފާތުވެ ރައީސް ޔާމީނާއެކު މަސައްކަތް ކުރައްވަން ފެއްޓެވިއެވެ.