ކޯވިޑް-19 ޖެހިފައިވާ ތިބި ބައެއް މީހުން މަސައްކަތުގެ މާޙައުލަށް އަނބުރާ ނުކުތުމަށް ކެނެޑާގައި ޙުއްދަ ދީފިއެވެ.
ކެނެޑާގެ އޮންޓާރިއޯގައި ކޯވިޑް-19 ޖެހުނު ނަމަވެސް ބަލީގެ އެއްވެސް ޢަލާމާތެއް ނުފެންނަ މީހުންނަށް ވަޒީފާއަށް ނުކުމެވޭނެކަމަށް އެ ސްޓޭޓުންވަނީ ނިންމާފައެވެ. އެކަމާ ގުޅޭގޮތުން ނެރެފައިވާ ޚާއްޞާ އުޞޫލުގައި ބުނެފައިވަނީ މަސައްކަތަށް ނުކުތުން ކޮންމެހެން މުހިންމު މުވައްޒަފުންނަށް ކޯވިޑް-19 ޖެހުނު ނަމަވެސް ބަލީގެ ޢަލާމާތެއް ނުފެންނަނަމަ އެހެން މުވައްޒަފުންނާ ވަކިން މަސައްކަތުގެ މާޙައުލުގައި މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖެއްސިދާނެކަމަށެވެ. ނަމަވެސް އެ މީހުންގެ ސަބަބުން އެހެން މީހުން ނުރައްކަލަށް ހުށަނޭޅޭނެކަން ޔަޤީންކުރުމަކީ އެ ކުންފުންޏެއްގެ ޒިންމާއެއްކަމަށް އެ އުޞޫލުގައި ބުނެފައިވެއެވެ.
އޮންޓާރިއޯގެ ދަނޑުބިންތަކުގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެހެންކަމުން، ބަލީގެ ޢަލާމަތް ނުފެންނަ މަސައްކަތްތެރިންވެސްވަނީ ބައްޔަށް ތަހުލީލުކުރަން ފަށައިފައެވެ. އުޞޫލުތަކަށް ގެނައި ބަދަލާއެކު ބައެއް މީހުންނަށް އަނބުރާ މަސައްކަތަށް ނުކުތުމުގެ ފުރުޞަތު ލިބޭނެއެވެ. އޮންޓާރިއޯގެ ޗީފް މެޑިކަލް އޮފިސަރ އޮފް ހެލްތު ޑޭވިޑް ވިލިއަމްސް ވިދާޅުވީ އަލަށް ދަސްވާ ކަންކަމުގެ މައްޗަށް ބިނާކޮށް އުޞޫލުތަކަށް ބަދަލު ގެނެސް އެ ޙާލަތަކަށް ފެތެންޖެހޭނެކަމަށެވެ.
ބަލީގެ ޢަލާމާތްތައް ނުފެންނަ މީހުންގެ ފަރާތުންވެސް ބަލި ފެތުރުމުގެ ފުރުޞަތު އޮންނަކަމަށް ބައެއް ޞިއްޙީ މާހިރުން ބުނެއެވެ. ޢަލާމަތް ނުފެނުނު ނަމަވެސް ޢަމަލީ ގޮތުން ކުރަންޖެހޭ ބުރަ މަސައްކަތްކުރުމަށް ބަލި މީހުން ނެރެފިނަމަ އެމީހުންގެ ހަށިގަނޑަށް ކުރާ އަސަރު ބޮޑުވެދާނެކަމަށް ޞިއްހީ މާހިރުން ބުނެއެވެ. އަދި ބަލީގެ ޢަލާމާތްތައް ފުރަތަމަ ނުފެނުނު ނަމަވެސް އެއީ ކުރިއަށް އޮތްތަނުގައި ބަލީގެ ޢަލާމާތްތައް ނުފެންނާނެކަމުގެ ޔަޤީންކަމެއް ނޫންކަމަށް ޞިއްޙީ މާހިރުން ޤަބޫލުކުރެއެވެ.
އޮންޓާރިއޯގެ ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާގެ ރައީސް ކީތު ކަރީ ވިދާޅުވީ މަސައްކަތަށް ނުކުންނަ މީހުން އެހެން މީހުންނާ ވަކި ނުކުރެވޭނަމަ އެ މީހުން މަސައްކަތަށް ނެރިގެން ނުވާނެކަމަށެވެ. އޭނާ ވިދާޅުވީ މަސައްކަތަށް ނުކުތުމާމެދު ހިތްހަމަނުޖެހޭ މީހުން މަސައްކަތަށް ނުކުތުމަށް މަޖުބޫރު ނުކުރާނެކަމަށާއި އެފަދަ މީހުންނަށް ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އުޖޫރައިގެ ބަދަލު ދެވޭނެކަމަށެވެ.