ތެލަށް ޖެހިފައިވާ ވެނެޒުއެލާއަށް ތެޔޮ ފޯރުކޮށްދިނުމަށް އެ ޤައުމަށް ދަތުރުކުރި އީރާނުގެ ފަސް ތެޔޮ ޓޭންކަރުގެ ކައްޕިންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
ވެނެޒުއެލާގެ ތެލުގެ ސިނާޢަތުން މީގެ ކުރިން ދުވާލެއްގެ މައްޗަށް 1.3 މިލިއަން ތެޔޮ ފީފާ އުފައްދައެވެ. ނަމަވެސް އެ ޤައުމަށް މި އަހަރު އެ ޢަދަދުގެ 10 އިންސައްތަވެސް ދުވާލެއްގެ މައްޗަށް ނުއުފެއްދެއެވެ. އެހެންކަމުން، ބޭރު ޤައުމުތަކުން އެތެރެކުރާ ތެލުގެ މައްޗަށް ބަރޯސާވާން އެ ޤައުމަށްވަނީ މަޖުބޫރުވެފައެވެ. ނަމަވެސް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމަށް ތެޔޮ އެތެރެކުރެވޭ ޤައުމުތަކާއި އެތެރެކުރާ ތެލުގެ ބާވަތްތައްވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ ވިދާޅުވީ އެމެރިކާއިން ވާގިވެރިވަނީ ވެނެޒުއެލާގެ އިދިކޮޅު ސިޔާސީވެރިޔާ ހުއާން ގުއައިޑޯއަށްކަމަށާއި އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރާއެކު ވިޔަފާރިކުރާ ހުރިހާ އުޅަނދުތަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އާޅާނެކަމަށެވެ. ޕޮންޕެއޯ ވިދާޅުވީ ތެޔޮ ޓޭންކަރުތަކުގެ ކައްޕިންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ މީހުންގެ މިލްކިއްޔާތުގައިވާ މުދާ ހިފެހެއްޓޭނެކަމަށާއި ވަޒީފާގެ ފުރުސަތުތަކާއި އެހެނިހެން ފުރުޞަތުތައް ހަނިކުރާނެކަމަށެވެ. ގުއައިޑޯއާއި ނޭޝަނަލް އެސެންބްލީއަށް ވާގިވެރިވުމުގައި އެމެރިކާއިން ދެމިތިބޭނެކަމަށާއި ވެނެޒުއެލާގެ ރައްޔިތުން އެދޭގޮތަށް އެ ޤައުމުގައި ޑިމޮކްރަސީ ޤާއިމުކުރުމަށް އެމެރިކާއިން އެހީތެރިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން ވެނެޒުއެލާގެ ޚާރިޖީ ވަޒީރު ޖޯޖް އަރީޒާ ވިދާޅުވީ އެމެރިކާއިން ބޮޑާކަން ދައްކަން މަސައްކަތްކުރަމުންދާކަމަށާއި އެމެރިކާގެ ޢަމަލުތަކަކީ ރައީސް ޑޮނަލްޑް ޓްރަންޕުގެ ހިތުގައި އެ ޤައުމުގެ ރައްޔިތުންނާމެދު ރުޅިވެރިކަން އޮތްކަމުގެ ހެއްކެއްކަމަށެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނެއްކަމަށްވާ ޢައްބާސް މައުސޫވީ ވިދާޅުވީ އެމެރިކާއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ވެނެޒުއެލާއަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ކުރަމުންދާ މަސައްކަތް ނާކާމިޔާބުވެފައިވާކަމުގެ ހެއްކެތްކަމަށެވެ.