ތުރުކީވިލާތާއެކު އޮންނަ ގުޅުން ވަރުގަދަކުރަން ޝައުޤުވެރިވާކަމަށް ވިލާތުގެ އިއްތިޙާދުން ބުނެފިއެވެ.
ސޫރިޔާގެ ހުޅަނގު އުތުރު ސަރަޙައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގެދޮރު ގެއްލި، ޙާލުގައި ޖެހިފައިވާ އެތައް ހާސް ހިޖުރަވެރިން ބެލެހެއްޓުމަށް ތުރުކީވިލާތަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވިލާތުގެ އިއްތިޙާދުން ވަޢުދުވި ނަމަވެސް އެ ވަޢުދާ އެއްގޮތަށް ޢަމަލުކޮށްފައިނުވާތީ ގްރީސާއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގު ތުރުކީވިލާތުންވަނީ ހުޅުވާލައިފައެވެ. އެއާއެކު އެތައް ހާސް ބަޔަކުވަނީ ގްރީސަށާއި ވިލާތުގެ އެހެން ޤައުމުތަކަށް އެތެރެވާން މަސައްކަތްކޮށްފައެވެ. އޭގެ ސަބަބުން ތުރުކީވިލާތާއި ގްރީސާ ގުޅޭ ސަރަޙައްދީ ރޮނގުގައި ބޮޑެތި ހަމަނުޖެހުންތަކެއްވަނީ ހިނގާފައެވެ. އަދި ތުރުކީވިލާތާއި ވިލާތުގެ އިއްތިޙާދާ ދެމެދު އޮތް ގުޅުންވަނީ އެކަމުގެ ސަބަބުން ހީނަރުވެފައެވެ.
ގްރީސަށް ކުރެއްވި ދަތުރުފުޅެއްގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ނިކޮސް ޑެންޑިއާސްއާ ބައްދަލުކުރައްވާ ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާބެހޭ އިސްވެރިޔާ ޖޮސެޕް ބޮރެލް ވިދާޅުވީ ތުރުކީވިލާތާއެކު އިތުބާރު ޤާއިމްކުރުމަށް ދެ ޤައުމުންވެސް މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި ދެ ޤައުމުން ބޭނުންވާ ކަންކަން ޙާޞިލްކުރުމަށް ކުރާ މަސައްކަތްތައް ހުއްޓާލައިގެން ނުވާނެކަމަށްވެސް ބޮރެލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވިލާތުގެ އިއްތިޙާދުގެ ސަރަޙައްދީ ރޮނގުތައް ރައްކާތެރިކުރުމަކީ އެ އިއްތިޙާދުން އަމާޒު ހިފާފައިވާކަމެއްކަމަށާއި ގްރީސްގެ އިސްތިޤުލާލު ދެމެހެއްޓުމަކީވެސް އެ އިއްތިޙާދުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްކަމަށެވެ.
ފެބްރުއަރީ މަހުގެ ތެރޭގައި ސަރަޙައްދީ ރޮނގުގައި ހިނގި ހަމަނުޖެހުންތަކަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން ގްރީސްގެ ޚާރިޖީ ވަޒީރު ޑެންޑިއާސް ވިދާޅުވީ ބިރުދައްކައިގެން ވިލާތުގެ އިއްތިޙާދުގެ ފަރާތުން ފައިދާތަކެއް ޙާޞިލްކުރުމަށް ތުރުކީވިލާތުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަމަށެވެ.
ތުރުކީވިލާތާއި ވިލާތުގެ އިއްތިޙާދާ ދެމެދު އުފެދިފައިވާ ހަމައެކަނި މައްސަލައަކީ ހިޖުރަވެރިންގެ މައްސަލައެއް ނޫނެވެ. ދެ ފަރާތުގެ ވައިގެ ސަރަޙައްދާ ގުޅޭ މައްސަލަތަކާއި ކަނޑުގެ ސަރަޙައްދާ ގުޅޭ މައްސަލަތަކާއި އާބާދީ ކުޑަ ނަސްލުތަކުގެ ހައްޤުތަކާ ގުޅޭ މައްސަލަތަކާއި ހަކަތަ އުފެއްދުމާ ގުޅޭ ދެބަސްވުންތައްވެސް ދެ ފަރާތުގެ ދެމެދުގައިވަނީ އުފެދިފައެވެ.