ޚަބަރު

ފަލަސްޠީނުގެ ބިންތަކާ ގުޅޭގޮތުން ގޮތެއް ނިންމާނީ އިސްރާއީލުން: އެމެރިކާ


އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާޢީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމާމެދު ގޮތެއް ނިންމާނީ އިސްރާއީލުންކަމަށް އެމެރިކާއިން ބުނެފިއެވެ.

މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕުވަނީ އިސްރާއީލަށް ފައިދާވާގޮތަށް ޞުލްޙައިގެ މަޝްރޫޢެއް އިޢުލާނުކުރައްވާ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް ކަނޑައަޅުއްވާފައެވެ. އެ މަޝްރޫޢުގެ ދަށުން 1949ވަނަ އަހަރާއި 1967ވަނަ އަހަރު ޢަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމަތަކުގައި އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ހުރިހާ ބިމަކާއި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ވަރަށް ބޮޑު ބައެއް ލިބެނީ އިސްރާއީލަށެވެ. ފަލަސްޠީނުގެ އަމިއްލަ މިނިވަން ދަޢުލަތެއް އުފެއްދުމަށް ނިންމަވާފައިވަނީ އެކި ސަރަޙައްދުތަކަށް ބެހިފައިވާ ވަރަށް ކުޑަ ބިންކޮޅެކެވެ. އެ މަޝްރޫޢާ ދެކޮޅަށް ގިނަ ޤައުމުތަކަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން އަޑުއުފުލި ނަމަވެސް އިސްރާއީލުންވަނީ އެ މަޝްރޫޢައިގެން ކުރިއަށް ދާނެކަމަށް ބުނެފައެވެ.

ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕްގެ އެންމެ އަރިސް ބޭފުޅުންވަނީ ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުންތަކެއް އެމެރިކާގެ ވެރިރަށް ވޮޝިންގްޓަނުގައި ބާއްވާފައެވެ. އެ ބައްދަލުވުންތަކާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ ވިދާޅުވީ ފަލަސްޠީނުގެ ބިންތަކާ ގުޅޭގޮތުން ގޮތެއް ނިންމާނީ އިސްރާއީލުންކަމަށެވެ. އަދި ޞުލްޙަ ޤާއިމްކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ކުރައްވާ މަސައްކަތަށް ފަލަސްޠީނުގެ އިސްވެރިން އެއްބާރުލުން ނުދެއްވާކަމަށްބުނެ ޕޮންޕެއޯވަނީ ފާޑުވިދާޅުވެފައެވެ.

ފަލަސްޠީނުގެ ބިންތަކަކީ އިސްރާޢީލުގެ ބައެއްގެ ގޮތުގައި ނިންމުމަށް އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުގައި ޖުލައި 1ވަނަ ދުވަހު މަޝްވަރާތައް ފެށުމަށްވަނީ ހަމަޖެހިފައެވެ. ފަލަސްޠީނުގެ ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އިސްރާއީލުން ކުރާ މަސައްކަތްތައް ހުއްޓާލުމަށް އދއާއި ވިލާތުގެ ޤައުމުތަކާއި ޢަރަބި ޤައުމުތަކުންވަނީ ގޮވާލައިފައެވެ.