ދެކުނު ކޮރެޔާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ނިންމި ނިންމުން އަނބުރާ ގެންގޮސްފައިވާކަމަށް އުތުރު ކޮރެޔާއިން ބުނެފިއެވެ.
އުތުރު ކޮރެޔާ ދޫކޮށް ދެކުނު ކޮރެޔާއަށް ހިޖުރަކޮށްފައިވާ މީހުން ޤަވައިދާ ޚިލާފަށް ސިޔާސީ ލީފުލެޓާއި މަޖައްލާފަދަ ތަކެތި ފޮނުވާކަމަށް ބުނެ އުތުރު ކޮރެޔާއިންވަނީ ދެކުނު ކޮރެޔާއަށް ވަރަށް ބޮޑަށް ފާޑުކިޔައި ދެ ކޮރެޔާގެ މެދުގައި މުވާލަސާތު ކުރުމަށް ޤާއިމުކޮށްފައިވާ އިދާރާއެއް ގޮށްވާލައިފައެވެ. އެ މައްސަލަ ޙައްލުކުރުމަށް ދެކުނު ކޮރެޔާއިން މަޝްވަރާކުރުމަށް ހުށަހެޅުމުން އުތުރު ކޮރެޔާއިންވަނީ އެ ހުށަހެޅުމަށް ދެކޮޅު ހެދުމަށްފަހު ދެ ޤައުމުން ޙިއްޞާކުރާ ސަރަޙައްދީ ރޮނގު ކައިރިއަށް އިތުރު ސިފައިން ފޮނުވާނެކަމަށް ބުނެފައެވެ.
އުތުރު ކޮރެޔާގެ ރަސްމީ ނޫސް އިދާރާއިން ބުނީ ސަރުކާރުގެ އިސް ފަރާތްތަކާއެކު އެ ޤައުމުގެ ޒަޢީމް ކިމް ޖޮން އުން ބޭއްވެވި ބައްދަލުވުމެއްގައި ދެކުނު ކޮރެޔާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު ނޭޅުމަށް ނިންމާފައިވާކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ޙާލަތަށް ރިޢާޔަތްކުރުމަށްފަހުއެވެ. އެ ބައްދަލުވުމުގައި އަސްކަރީ ކުރިމަތިލުމަކަށް ނުގޮސް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުންވަނީ މަޝްވަރާކޮށްފައެވެ.
ދެކުނު ކޮރެޔާއަށް ބިރުދައްކައިގެން އުތުރު ކޮރެޔާއިން ޚާއްޞަ މަޤުސަދުތަކެއް ޙާޞިލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ކަމާބެހޭ މާހިރުން ޤަބޫލުކުރެއެވެ. ދެ ކޮރެޔާގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން އުތުރު ކޮރެޔާގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ މަޝްރޫޢު ހުއްޓާލުމަށް ކުރަމުންދާ މަސައްކަތަށްވަނީ ބުރޫއަރާފައެވެ.