ވަކި ފަރުދަކު ނުވަތަ ބަޔަކު ކުރިކަމަކަށް މުޅި މުވައްސަސާއަށް ނިސްބަތްކޮށް ވާހަކަ ދައްކަނީ އިސްލާހުކުރުމުގެ ބޭނުމުގައިކަމަށް ދެކެވެޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ސިފައިންނާ ފުލުހުންނަކީ ޤައުމީ ސަލާމަތާއި މިނިވަންކަމާއި އޭގެ އިތުރުން މުޖްމަތަމައުގެ ހަމަޖެހުމަށްޓަކައި ވަރަށް ބުރަ މަސްއޫއްލިއްޔަތުތަކެއް އަދާކުރަމުން އަންނަ މުވައްސަސާއެއްކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ ފުލުހުންގެ ޤާނުނަށް އިސްލާހުކުރުމުގެ ބަހުސް ފަށާފައިވަނިކޮށެވެ. މި ބިލުގެ ބަހުސްގެ މަރުހަލާގައި ބައެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ފުލުހުންގެ އިދާރާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް ވާހަކަ ދައްކަވާފައެވެ.
ރައީސް ވިދަޅުވީ ކޯވިޑްގެ ބަލިމަޑުކަމުގައި މިހާރު ކުރަމުން އަންނަ ބުރަ މަސައްކަތައްތަކުގައި ރެއެއް ދުވާލެއް ބެލުމެއްނެތި އައްވާއި ހޫނުގައި ސަލާމަތީ ހިދުމަތް ދޭ މުވައްސާސަތަކުން ކުރަމުން އަންނަނީ ވަރަށް ބުރަ އަގު ނުކުރެވޭ މަސައްކަތެކެވެ.
ރައީސް ވިދާޅުވީ ވަކި ފަރުދަކު ނުވަތަ ބަޔަކު ކުރިކަމަކަށް މުޅި މުވައްސަސާއަށް ނިސްބަތްކޮށް ވާހަކަ ދައްކަނީ އިސްލާހުކުރުމުގެ ބޭނުމުގައިކަމަށް ދެކެވެޑައިނުގަންނަވާކަމަށެވެ.
" ކޮންމެ ބައެއްގެ ތެރޭގައިވެސް އިސްލާހުކުރަން ރަނގަޅުކުރަން ޖެހޭ ކަންކަން އަބަދުވެސް ހުންނާނެކަމާއި މެދު ޝައްކެއް ނުކުރަން. ނަމަވެސް ވަކި ފަރުދަކު ނުވަތަ ވަކި ބަޔަކު ކޮށްފައިވާ ކަމެއްގެ ސަބަބުން މުޅި މުވައްސަސާގެ އަގު ވެއްޓޭ ގޮތަށް މުޅި މުވައްސަސާއަށް ނިސްބަތްކޮށް ވާހަކަ ދެއްކުމަކީ އަޅުގަނޑު ދެކޭގޮތުގައި އިސްލާހުކުރުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ނޫން. " ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުވައްސަސާގެ އަގު ވެއްޓޭ ގޮތަށް ދެކެވޭ ވާހަކައިގެ ސަބަބުން އުފެދޭނމީ ފިިތުނައާއި ނަފްރަތާއި ބައިބައިކުރުންކަމަށެވެ. ފުލުހުންނާއި ސިފައިންގެ ތެރޭގައިވެސް އިސްލާހުކޮށް ބަދަލުގެންނަންޖެހޭ ކަންކަން ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ސިފައިންނާ ފުލުހުންގެ ހިދުމަތް ކުރި އަރުވާ ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންކަންވެސް ކުރާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.