ޚަބަރު

ސިންގަޕޫރުގެ އާންމު އިންތިޚާބު ބާއްވާ ތާރީޚު އަވަސްކޮށްފި


ސިންގަޕޫރުގެ އާންމު އިންތިޚާބު ބާއްވާ ތާރީޚު އަވަސްކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސިންގަޕޫރުގައި ކޯވިޑް-19 ފެތުރޭ މިންވަރު މަޑުޖެހި ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަށް މެއި 19ވަނަ ދުވަހުވަނީ ލުއިތަކެއް ދީފައެވެ. އެއާއެކު ޤައުމުގެ ޤާނޫނުހަދާ މަޖިލިސް އުވާލައްވާ ޖުލައި 10ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ސިންގަޕޫރުގެ ރައީސާ ހަލީމާ ޔަޢުޤޫބުވަނީ ނިންމަވާފައެވެ. އިންތިޚާބު ބާއްވާ ތާރީޚު އަވަސްކުރަން ނިންމާފައިވަނީ ކޯވިޑް-19 އަނެއްކާވެސް ފެތުރެންފަށައިފާނެކަމުގެ ބިރަށެވެ.

ޤައުމާ މުޚާތަބުކުރައްވަމުން ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ޝެން ލޫންގް ވިދާޅުވީ ޤައުމުގެ ޙާލަތަށް އަތުވެދާނެ ބަދަލުތަކަށް ތައްޔާރަށް ތިބެންވާނެކަމަށާއި ކޯވިޑް-19 ފެތުރުން މަޑުޖެހިފައިވާ ބައެއް ޤައުމުތަކުގައި ދެވަނަ ފަހަރަށް ހަލުވިކަމާއެކު ބަލި ފެތުރެން ފަށައިފައިވާކަމަށެވެ. އެހެންކަމުން ސިންގަޕޫރުގައިވެސް އަލުން ބަލި ފެތުރެން ފެށުމުގެ ފުރުޞަތު އޮތްކަމަށް އޭނާ ވިދާޅުވިއެވެ. ސިންގަޕޫރުގެ އިޤްތިޞާދަށް ކޯވިޑް-19ގެ އަސަރުކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި އެ ޤައުމުގެ އިޤްތިޞާދު އިތުރަށް ހީނަރުވުން އެކަށީގެންވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޤައުމުގެ ޙާލަތު ރަނގަޅުވެފައިވާ ޙާލަތެއްގައި އިންތިޚާބު ބޭއްވުމަކީ ބުއްދިވެރިކަމެއްކަމަށާއި ސަރުކާރުގެ ދައުރު އަންނަ އޭޕްރިލް މަހު ހަމަވާއިރު ޤައުމުގެ ޙާލަތު އޮންނާނެގޮތެއް ބުނަން ނޭނގޭކަމަށް ބޮޑުވަޒީރު ލީ ފާހަގަކުރެއްވިއެވެ. މިހާރު އިންތިޚާބު ބާއްވައިފިނަމަ އަލަށް އިންތިޚާބުވާ ސަރުކާރަށް ޤައުމުގެ ސިޔާސަތުތައް އެކުލަވާލަން ފަސޭހަވެ ނިންމަންޖެހޭ ބޮޑެތި ނިންމުންތައް ނިންމުމަށް އެހީއަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

1959ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ވެރިކަންކުރަނީ ބޮޑުވަޒީރު ލީގެ ޕީޕަލްސް އެކްޝަން ޕާޓީންނެވެ. އެ ޕާޓީއަށް ޤާނޫނުހަދާ މަޖިލީހުގެ 89 ގޮނޑީގެ ތެރެއިން 83 ގޮނޑި ލިބިފައިވެއެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިޚާބުގައިވެސް މަޖިލީހުގެ އަޣުލަބިއްޔަތު އެ ޕާޓިން ހޯދާނެކަމަށް ބެލެވެއެވެ.