ޚަބަރު

ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް އިންޑިޔާއާއި ޗައިނާއިން އެއްބަސްވެއްޖެ


އެގަރާ ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކަކަށްފަހު، އިންޑިޔާއާއި ޗައިނާއާ ދެމެދު ޙަމަލާ ބަދަލުކުރިން ހުއްޓާލުމަށް ދެ ޤައުމުގެ އަސްކަރިއްޔާއިން އެއްބަސްވެއްޖެއެވެ. ނަމަވެސް، އެއްބަސްވެފައިވާ ކަންކަމާ ގުޅޭގޮތުން ދެ ޤައުމުގެ ސަރުކާރުން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

އިންޑިޔާއާއި ޗައިނާގެ ސަރަޙައްދީ ރޮނގުގައި ޙަރަކާތްތެރިވާ ސިފައިންގެ ދެމެދުގައި ފަހަކަށް އައިސް ބޮޑެތި ހަމަނުޖެހުންތަކެއްވަނީ ހިނގައިފައެވެ. އެގޮތުން، މިދިޔަ ހަފުތާގައި ހިނގި ހަމަނުޖެހުމެއްގައި އިންޑިޔާ ސިފައިންގެ 20 މީހުންވަނީ މަރުވެފައެވެ. އެ ހަމަނުޖެހުމުގައި ޗައިނާގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ. އެއީ ފާއިތުވި 50 އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ.

ޗައިނާއަކީ އިންޑިޔާގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. ފާއިތުވި އަހަރު ދެ ޤައުމުގެ ދެމެދުގައިވަނީ 87 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކޮށްފައެވެ. އިންޑިޔާއިން ޗައިނާއަށް ބޭރުކުރި މުދަލަށްވުރެ 53.57 ބިލިއަން ޑޮލަރުގެ ގިނަ މުދާ ޗައިނާއިންވަނީ އެ ޤައުމަށް އެތެރެކޮށްފައެވެ. އެ ފަރަގަކީ އިންޑިޔާއާއެކު ވިޔަފާރި ކުރާ ޤައުމުތަކުގެ މެދުގައި އޮތް އެންމެ ބޮޑު ފަރަގެވެ.

ސަރަޙައްދީ ރޮނގުގައި ހިނގި ހަމަނުޖެހުންތަކަށްފަހު އިންޑިޔާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެ ޗައިނާއިން އިންޑިޔާއަށް މުދާ އެތެރެކުރުން ހުއްޓާލުމަށް އިންޑިޔާގެ ބޮޑެތި ވިޔަފާރިތަކުންވަނީ ގޮވާލާފައެވެ. އިންޑިޔާގެ 70 މިލިއަނަށްވުރެ ގިނަ ވިޔަފާރި ބައިވެރިވާ ކޮންފެޑެރޭޝަން އޮފް އޯލް އިންޑިޔާ ޓްރޭޑާސް، ކޭއޭއައިޓީންވަނީ ޗައިނާގެ ކުންފުނިތަކާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ބާޠިލްކުރުމަށް ގޮވާލާފައެވެ. އިންޑިޔާގެ މަހާރަޝްތްރާ ސްޓޭޓުގެ ސަރަޙައްދީ ސަރުކާރުންވަނީ ޗައިނާގެ ތިން ކުންފުންޏަކާއެކު ވެފައިވާ 658 މިލިއަން އެމެރިކާ ޑޮލަރުގެ ތިން މަޝްރޫޢެއް މަޑުޖައްސާލާފައެވެ. އެ ސްޓޭޓުގެ ވިޔަފާރިއާބެހޭ ވަޒީރު ސުބްހާޝް ދެސާއީ ވިދާޅުވީ މައި ސަރުކާރުން ވަކިގޮތެއް ނިންމަންދެން އެ މަޝްރޫޢުތައް ކުރިއަށް ނުގެންދާނެކަމަށެވެ.

އިންޑިޔާއާއި ޗައިނާއާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގަކީ އުސް ފަރުބަދަތައް ގިނަ އަދި ދެ ޤައުމުގެ އިމާމެދު ބޮޑެތި ޚިލާފުތަކެއް އުފެދިފައިވާ ސަރަޙައްދެކެވެ. އެގޮތުން، ސަރަޙައްދީ ރޮނގުގެ މައްސަލާގައި 1962ވަނަ އަހަރު ދެ ޤައުމުންވަނީ ހަނގުރާމަކޮށްފައެވެ.