ޚަބަރު

ޔަމަނުގައި ޙަމަލާ ބަދަލުކުރުން ހުއްޓާލަން އެސްޓީސީން އެއްބަސްވެއްޖެ


ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ޙަމަލާ ބަދަލުކުރުން ހުއްޓާލާ ޞުލްޙަ ޤާއިމްކުރުމުގެ މަޝްވަރާތައް ފެށުމަށް އެ ޤައުމުގެ ދެކުނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ސަދަން ޓްރާންސިޝަނަލް ކައުންސިލް، އެސްޓީސީން އެއްބަސްވެއްޖެއެވެ.

މީގެ ކުރިން އެސްޓީސީއާއި ޔަމަނުގެ ސަރުކާރުން ގުޅިގެންވަނީ ހޫޘީންނާ ދެކޮޅަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އޭޕްރިލް މަހުގެ ތެރޭގައި އެސްޓީސީންވަނީ އަސްކަރީ އިއްތިޙާދުން ވަކިވެ، ޔަމަނުގެ ދެކުނުގައި އަމިއްލަ ވެރިކަމެއް އިޢުލާނުކޮށްފައެވެ. އޭގެ ފަހުން ޔަމަނުގެ މައި ސަރުކާރާއި އެ ޖަމާޢަތާ ދެމެދުވަނީ ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށްފައެވެ. އޭގެ ސަބަބުން ޔަމަނުގައި ސުލްޙަ ޤާއިމްކުރުމަށް އދން ކުރަމުންދިޔަ މަސައްކަތްތަކަށްވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ފާއިތުވި ހަފުތާ ބަންދުގެ ތެރޭގައި ޢަރަބި ކަނޑުގައި އޮންނަ ރަށެއްކަމަށްވާ ސުޤުޠުރާވަނީ އެސްޓީސީގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެއާއެކު އަނެއްކާވެސް ޔަމަނުގެ މައި ސަރުކާރާއި އެ ޖަމާޢަތާ ދެމެދު އޮންނަ ގުޅުން ގޯސްވިއެވެ.

ޔަމަނުގެ ސަރުކާރަށް ވާގިވެރިވުމަށް، ސަޢުދީ ޢަރަބިއްޔާ އިސްވެ އުފައްދާފައިވާ ޢަރަބި އަސްކަރީ އިއްތިޙާދުން ބުނީ އަބްޔަން ޕްރޮވިންސުގައި ބަދަލުކުރަމުންދާ ޙަމަލާތައް ހުއްޓާލައި ބައެއް އެހެން ސަރަޙައްދުތަކުގައި ދޭ ޙަމަލާތައް މަދުކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާކަމަށެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި 100،000 މީހުން މަރުވެ، އެ ޤައުމަށްވަނީ ބޮޑު އިންސާނީ ކާރިޘާއެއް ކުރިމަތިވެފައެވެ. އެގޮތުން، އެތައް މިލިއަން މީހުންގެ ގެދޮރު ގެއްލި، ގާބޯތަކެއްޗާއި ބޭސްފަރުވާއަށްވަނީ ބޭނުންޖެހިފައެވެ.