ޚަބަރު

ފަލަސްޠީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައަޅަން އެމެރިކާއިން މަޝްވަރާކުރަނީ


އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާޢީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކުރަން އެމެރިކާއިން ނިންމައިފިއެވެ.

މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕުވަނީ އިސްރާއީލަށް ފައިދާވާގޮތަށް ޞުލްޙައިގެ މަޝްރޫޢެއް އިޢުލާނުކުރައްވާ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް ކަނޑައަޅުއްވާފައެވެ. އެ މަޝްރޫޢުގެ ދަށުން 1949ވަނަ އަހަރާއި 1967ވަނަ އަހަރު ޢަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމަތަކުގައި އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ހުރިހާ ބިމަކާއި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ވަރަށް ބޮޑު ބައެއް ލިބެނީ އިސްރާއީލަށެވެ. ފަލަސްޠީނުގެ އަމިއްލަ މިނިވަން ދަޢުލަތެއް އުފެއްދުމަށް ނިންމަވާފައިވަނީ އެކި ސަރަޙައްދުތަކަށް ބެހިފައިވާ ވަރަށް ކުޑަ ބިންކޮޅެކެވެ.

ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް ކަނޑައެޅުމާ ގުޅޭގޮތުން ޖުލައި މަހުގެ 1ވަނަ ދުވަހު ވަޒީރުންގެ މަޖިލީހާ މަޝްވަރާކުރައްވާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫވަނީ ވިދާޅުވެފައެވެ. އިސްރާއީލުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްޒްވަނީ އިސްރާއީލުގެ ބައެއްކަމުގައި ފަލަސްޠީނުގެ ބިންތައް ކަނޑައެޅުމުން ހިނގާނެ ހަމަނުޖެހުންތަކަށް ތައްޔާރުވުމަށް އެ ޤައުމުގެ އަސްކަރިއްޔާއަށް އަންގަވައިފައެވެ. ނަމަވެސް އެ މަޝްރޫޢު ކުރިއަށްގެންދިއުމުގެ ފެހި ސިގްނަލު އެމެރިކާއިން އަދި ދީފައެއް ނުވެއެވެ.

އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު ޑޭވިޑު ފްރީމެނާއި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯއާއި ރިޔާސީ އޮފީސް ވައިޓް ހައުސްގެ އިސް މުޝީރު ޖެރެޑު ކުޝްނާއާއި މެދުއިރުމަތީގެ މަންދޫބު އަވީ ބާކޮވިޓްޒް އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ބައްދަލުކުރައްވަންވަނީ ހަމަޖެހިފައެވެ. އެ މަޝްވަރާތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ބައިވެރިވެވަޑައިގަތުން އެކަށީގެންވެއެވެ. އެ މަޝްވަރާތަކުގައި ފަލަސްޠީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅޭގޮތުން އެމެރިކާއިން ގޮތެއް ނިންމާނެއެވެ. އެމެރިކާއިން ބުނީ އެ ނިންމުން ނިންމުމުގައި އެންމެ ބޮޑަށް ރިޢާއަތްކުރާނީ އެ މަޝްރޫޢުގެ ސަބަބުން ޞުލްޙަ ޤާއިމުވުމުގެ މައްޗަށްކަމަށެވެ.

އެމެރިކާއިންވަނީ ނިންމުމަކާ ހަމައަށް އައުމުގެ ކުރިން އެ މަޝްރޫޢާ ގުޅޭގޮތުން އިސްރާއީލުގެ ގުޅިފައިވާ ސަރުކާރުން އެއްގަލަކަށް އަރަންޖެހޭކަމަށް ބުނެފައެވެ. ބޮޑުވަޒީރު ނަތަންޔާހޫގެ ރޭވުމަށް ބެނީ ގެންޓްޒުގެ މާބޮޑު ތާޢީދެއް ލިބިފައެއް ނުވެއެވެ. އޭނާއަކީ ބޮޑުވަޒީރުގެ މަޤާމާ ދެން ހަވާލުވެވަޑައިގަންނަވާނެ ބޭފުޅާއެވެ.