ދެކުނު ކޮރެޔާގައި ދެވަނަ ފަހަރަށް ކޯވިޑް-19 ފެތުރޭކަމަށް އެ ޤައުމުގެ ސަރުކާރުން އެއްބަސްވެއްޖެއެވެ.
ދެކުނު ކޮރެޔާގައި އެންމެ ހަލުވިކަމާއެކު ބަލި ފެތުރުނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭރު ދުވާޅެއްގެ މައްޗަށް 900 މީހުންނަށް ބަލިޖެހެއެވެ. ނަމަވެސް ތަހުލީލުކުރުން ފުޅާކޮށް ބަލިޖެހޭ މީހުން ދެނެގަތުމުގައި ބޭނުންކުރި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އޭޕްރިލް މަހުގެ ތެރޭގައި އެ ޢަދަދުވަނީ ދިހައަކަށްވުރެ ދަށްކޮށްފައެވެ.
ބަލި ފެތުރޭ މިންވަރު ދަށްވާން ފެށުމުން ދެކުނު ކޮރެޔާގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްވަނީ ލުއިތަކެއް ދީފައެވެ. އެ ލުއިތަކާއެކު އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ އަނެއްކާވެސް އިތުރުވާންފަށައިފައެވެ.
ދަ ކޮރެއަން ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ކޭސީޑީސީގެ ޑިރެކްޓަރު ޖަންގް ޔޫ ކްޔޮންގު ވިދާޅުވީ ދެކުނު ކޮރެޔާގައި އެންމެ ފުރަތަމަ ބަލިފެތުރިފައިވަނީ ފެބްރުއަރީ މަހުން އޭޕްރިލް މަހަށްކަމަށެވެ. ނަމަވެސް މެއި މަހުގެ ޗުއްޓީއަކަށްފަހު ބަލި ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވާން ފަށައިފައިވާކަމަށާއި ކުރިން ޤަބޫލުކުރެވުނު ގޮތާއި ޚިލާފަށް އެ ޤައުމުގައި ދެވަނަ ފަހަރަށް ބަލި ފެތުރެން ފަށައިފައިވާކަން ޔަޤީންވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ގައިދުރުކަން ނުބަހައްޓާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާނަމަ ބަލި ފެތުރުން ނުހުއްޓޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ދެކުނު ކޮރެޔާގައި 12،484 މީހުންނަށް ކޯވިޑް-19 ޖެހި، 281 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދެކުނު ކޮރެޔާއިން ފެނިފައިވަނީ ބަލި ޖެހިފައިވާ 17 މީހުންނެވެ.