މަހާތިރު މުޙައްމަދު މެލޭޝިޔާގެ ބޮޑުވަޒީރުކަން ދެ ފަހަރު ކުރައްވާފައިވާކަމަށާއި އެ މަޤާމަށް އަލުން އޭނާ ޢައްޔަންކުރަން ފެނިވަޑައިނުގަންނަވާކަމަށް އެ ޤައުމުގެ އިދިކޮޅު ސިޔާސީވެރިޔާ އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދެވަނަ ފަހަރަށް އުމުރުފުޅުން 94 އަހަރުގެ މަހާތިރު ބޮޑުވަޒީރުކަމަށް އިސްވެވަޑައިގަތީ 2018ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭނާ ބޮޑުވަޒީރުގެ މަޤާމަށް އިސްވެވަޑައިގަތީ 2009ވަނަ އަހަރުން ފެށިގެން ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ނަޖީބު ރައްޒާޤުގެ ޔުނިއިޓަޑު މެލޭސް ނެޝަނަލް އޯގަނައިޒޭޝަން، ޔޫއެމްއެންއޯ ބަލިކުރެއްވުމަށްފަހުއެވެ. އެ ކާމިޔާބުގެ އެއް މޭސްތިރިއަކީ އަންވަރެވެ. އޭނާވަނީ މަހާތިރާއެކު ވަރުގަދަ ސިޔާސީ އިއްތިޙާދެއް އެކުލަވާލައްވާފައެވެ. އަންވަރު ދެއްވި ތާޢީދުގެ ބަދަލެއްގެ ގޮތުގައި ދަޢުރުގެ މެދުން އޭނާއަށް ބޮޑުވަޒީރުކަން ހަވާލުކުރެއްވުމަށް މަހާތިރު އެއްބަސްވެވަޑައިގެންނެވިއެވެ. ނަމަވެސް، ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އެކަން ނުކުރައްވާ މިދިޔަ މާރިޗު މަހު މަހާތިރުވަނީ ބޮޑުވަޒީރުކަމުން އިސްތިޢުފާ ދެއްވާފައެވެ. އޭގެ ފަހުން މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގަތީ މެލޭޝިޔަން ޔުނައިޓަޑު އިންޑިޖެނަސް ޕާޓީގެ ރައީސް މުޙްޔިއްދީން ޔާސީނެވެ.
މެލޭޝިޔާގެ ސީއެންއޭއަށް ދެއްވި ބަސްދީގަތުމެއްގައި އަންވަރު އިބްރާހިމް ވިދާޅުވީ މެލޭޝިޔާގެ ރައްޔިތުންނަށް އައު ފެށުމެއް ހައްޤުވާކަމަށެވެ. އަންވަރު ވިދާޅުވީ 2023ވަނަ އަހަރުގެ އިންތިޚާބުގެ ކުރިން އަވަސް އިންތިޚާބެއް ބޭއްވުން އެކަށީގެންވާކަމަށާއި ބޮޑުވަޒީރުގެ މަޤާމަށް މަހާތީރު އައްޔަނުކުރައްވަން އެއްބަސްވެވަޑައިނުގަންނަވާނެކަމަށެވެ. އޭނާ ވިދާޅުވީ މަހާތިރު ހުށަހަޅުއްވާފައިވާގޮތަށް 6 މަސް ދުވަހަށް އޭނާއަށް ބޮޑުވަޒީރުކަން ޙަވާލުކޮށްފިނަމަ އެ މުއްދަތުގައި ސަރުކާރުގެ ހިންގުމަށާއި ޤައުމުގެ ކުރިއެރުމަށް ހަރުދަނާ ބަދަލެއް ގެނެވޭނެކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ. އަދި އިސްލާޙީ ބަދަލުތައް ގެނެސް އިޤްތިޞާދު ކުރިއެރުވުމަށް އެދެވޭ މަސައްކަތެއް އެ މުއްދަތުގައި ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އަންވަރު އިތުރަށް ވިދާޅުވީ އޮގަސްޓު މަހުގެ ތެރޭގައި އަވަސް އިންތިޚާބެއް ބޭއްވުން އެކަށީގެންވާކަމަށާއި އެނާގެ ޕާޓީއަށް ކާމިޔާބު ލިބޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަންވަރު ވިދާޅުވީ މަހާތިރަށް ވަޒީރުކަން ދިނުން ނުވަތަ ޚާއްސަ މުޝީރެއްގެ މަޤާމު ދިނުމުގައި މައްސަލައެއް ނެތްކަމަށެވެ. ނަމަވެސް އަލަށް އިންތިޚާބުވާ ސަރުކާރުގެ އަމާޒަކަށް ވާންވާނީ އިސްލާޙީ މަސައްކަތްތައްކަމަށް އޭނާ ވިދާޅުވިއެވެ.