ޗައިނާގެ ވެރިރަށް ބެއިޖިންގުގައި ދުވާލަކު އެއް މިލިއަން މީހުން ކޯވިޑް-19އަށް ތަހުލީލުކުރަން ފަށައިފިއެވެ.
ބަލިފެތުރޭ މިންވަރު ދަށަށް ދިއުމަށްފަހު ބެއިޖިންގުގެ ޒިންފޭޑީ މާރުކޭޓުން ކޯވިޑް-19 ޖެހިފައިވާ ގިނަ ޢަދަދެއްގެ މީހުންވަނީ ފެނިފައެވެ. އެއާއެކު ބެއިޖިންގުގައި ކޯވިޑް-19އަށް ތަހުލީލުކުރާ މިންވަރުވަނީ ދެ ގުނައަށް އިތުރުކޮށްފައެވެ.
20 މިލިއަން މީހުން ދިރިއުޅޭ ބެއިޖިންގުގެ 124 މަރުކަޒެއްގައި ދުވާލަކު 230،000 ތަހުލީލުކުރަންމުންދާކަމަށް ބެއިޖިންގު ހެލްތު ކޮމިޝަނުންވަނީ ބުނެފައެވެ. އަދި ތަހުލީލުކުރުން އިތުރުކުރުމުގެ ގޮތުން ހޫބެއިއާއި ލިއައޮނިންގް ޕްރޮވިންސުން 200 ލެބޯޓްރީ ޓެކްނީޝަނުން ބެއިޖިންގަށް ގެނެސްފައިވާކަމަށްވެސް އެ ކޮމިޝަނުންވަނީ ބުނެފައެވެ.
ދެވަނަ ފަހަރަށް ކޯވިޑް-19 ފެތުރެން ފެށުމުން ހޫބައި ޕްރޮވިންސްގެ ވޫހާން ސިޓީގައި ދިރިއުޅޭ 11 މިލިއަން މީހުންވަނީ އެންމެ 10 ދުވަހުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ. ދުނިޔޭގައި ކޯވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ވޫހާން ސިޓީންނެވެ.