ޚަބަރު

އިތުރު ދައުރަކަށް ކުރިމަތިލައްވަން ޕުޓިން ހުންނެވީ ތައްޔާރަށް


ރިޔާސީ އިތުރު ދަޢުރަކަށް ކުރިމަތިލެއްވުމާމެދު ވިސްނަވަމުންދާކަމަށް ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ޤާނޫނު އަސާސީއަށް ބަދަލު ގެންނަން ފެނެތޯ ބެލުމަށް ޖޫން 25ން ޖުލައި 1އަށް އެ ޤައުމުގެ ރައްޔިތުން ވޯޓުލުމަށްވަނީ ހަމަޖެހިފައެވެ. ރަޝިޔާގެ ޤާނޫނު އަސާސީއަށް ގެންނަ ބަދަލުތަކުގެ ތެރޭގައި 6 އަހަރު ދުވަހުގެ އިތުރު ދެ ދައުރަށް ރައީސްގެ މަޤާމުގައި ހުންނެވުމަށް ޕުޓިންނަށް މަގުފަހިވާގޮތަށް ހުށަހަޅާފައިވާ ބަދަލެއްވެސް ހިމެނެއެވެ. އެ ހުށަހެޅުން ފާސްވެއްޖެނަމަ ފާއިތުވި 20 އަހަރު ރަޝިޔާގެ ރައީސްގެ މަޤާމުގައި ހުންނެވި ޕުޓިންގެ ދަޢުރު 2024ވަނަ އަހަރު ހަމަވުމުން އަލުން އިތުރު ދެ ދައުރަށް ކުރިމަތިލެއްވޭނެއެވެ.

ރަޝިޔާގެ ރަސްމީ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޕުޓިން ވިދާޅުވީ އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެކަމަށް ވިދާޅުނުވާނެކަމަށެވެ. ޕުޓިން ވިދާޅުވީ އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ފަހިކޮށްދޭނެ ބަދަލެއް އެ ޤައުމުގެ ރައްޔިތުން ފާސްކޮށްފިނަމަ ރައީސްކަމުގެ އިތުރު ދަޢުރަކަށް ކުރިމަތިލެއްވުން އެކަށީގެންވާކަމަށެވެ.

އުމުރުފުޅުން 67 އަހަރުގެ ޕުޓިން ވިދާޅުވީ އޭނާ ރައީސްކަމަށް ކުރިމަތިނުލައްވައިފިނަމަ އެ މަޤާމަށް ދެން ކުރިމަތިލާނެ މީހަކު ހޯދުމަށް ކުރާ މަސައްކަތުން ސަރުކާރުގެ މަސައްކަތަށް ބުރޫއެރުން އެކަށީގެންވާކަމަށެވެ. ބަދަލުގައި އައްޔަނުކުރާނެ މީހެއް ހޯދުމަށްވުރެ މަސައްކަތްކުރުން މުހިންމު ކަންކަން ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ބުނީ ޤާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ ބޭނުމަކީ 2036ވަނަ އަހަރާ ހަމައަށް ރައީސްގެ މަޤާމުގައި ޕުޓިން ހުންނެވުންކަމަށާއި އެގޮތަށް އެކަން ކޮށްފިނަމަ އެއީ ދުސްތޫރީ ބަޣާވާތަކަށް ވާނެކަމަށެވެ.