ޚަބަރު

ޖަރުމަނުވިލާތުގައި އެކަހެރިވުމުގެ އުޞޫލުތައް ތަންފީޒުކުރުމަށް ފުލުހުންގެ އެހީ ހޯދަނީ


ޖަރުމަނުވިލާތުގެ ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން އެކަހަރިވުމުގެ ފިޔަވަޅުތަކަށް ތަބާ ނުވާތީ އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ފުލުހުންގެ އެހީތެރިކަން ހޯދައިފިއެވެ.

އެއްގަމު މަސް ބަންދުކުރާ ކާރުހާނާއެއްގައި މަސައްކަތްކުރާ 1،300އަށްވުރެ ގިނަ މުވައްޒަފުންނަށް ކޯވިޑް-19 ޖެހުމުން 7،000 މަސައްކަތްތެރިންނާއި އެމީހުންގެ ޢާއިލާތައް އެކަހެރިވުމަށް ޖަރުމަންވިލާތުގެ ރަސްމީ އިދާރާތަކުންވަނީ އަންގާފައެވެ. އެ ތަނުގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މީހުންނަކީ ބިދޭސީންނެވެ. ނޯތު ރައިން ވެސްޓް-ފީލިއާގެ ޕްރެމިއަރ އަރމިން ލަޝެޓުވަނީ ޕޮލެންޑާއި ބަލްގޭރިޔާއާއި ރުމޭނިޔާގެ ބަސް ތަރިޖަމާކޮށްދޭ މީހުންގެ އެހީތެރިކަން ހޯދައި ކާރުހާނާތަކުގައި މަސައްކަތްކުރާ މީހުން އެކަހެރިވާން ނަސޭހަތްތެރިވަމުންދާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މަސައްކަތްތެރިންނާއި އެމީހުންގެ ޢާއިލާތައް ދިރިއުޅޭ 1،300އަށްވުރެ ގިނަ ތަންތަން ފާހަގަވެފައިވާކަމަށާއި އެ ތަންތަނުގައި އެކަހެރިވުމުގެ ޤަވާއިދުތަކަށް ޢަމަލުކުރަން ޖެހޭނެކަމަށެވެ.

އޭގެ އިތުރުން، 700 މީހުން ކަރަންޓީނުކޮށްފައި ތިބި އިމާރާތެއްގައި ތިބި މީހުން ހަމަނުޖެހުން އުފައްދާ އެތަން ދޫކޮށް ދިއުމަށް މަސައްކަތްކުރުމުން ޞިއްޙީ އިދާރާތަކުންވަނީ ފުލުހުންގެ އެހީތެރިކަން ހޯދައިފައެވެ. ގަރޓިންގަންގެ ފުލުހުން ބުނީ އޭގެ ތެރެއިން 200 މީހުން އެތަން ދޫކޮށް ދިއުމަށް މަސައްކަތް ކޮށްފައިވާކަމަށެވެ. އެކަމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި ފުލުހުންގެ 8 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް އެ އިދާރާއިން ބުނެއެވެ. އެ ތަނުގައި ތިބި މީހުންވަނީ ފުޅިއާއި ބަޑިބޭހާއި ދަގަނޑު ހޮޅިފަދަ އެއްޗެހި ބޭނުންކޮށްގެން ފުލުހުންނަށް ޙަމަލާ ދީފައެވެ.

ޖަރުމަނުވިލާތުގައި 189،822 މީހުންނަށް ކޯވިޑް-19 ޖެހި، 8،882 މީހުންވަނީ މަރުވެފައެވެ. ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށް ކާމިޔާބު މަސައްކަތްތަކެއް ޖަރުމަނުވިލާތުން ކޮށްފައިވާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ނަމަވެސް ބަލި ފެތުރޭ މިންވަރު ދަށްވުމަށްފަހު އެ ޢަދަދުވަނީ އަލުން އިތުރުވާން ފަށައިފައެވެ. އެގޮތުން، ބަލި ޖެހޭ މީހުންގެ މިންވަރުވަނީ 2.88އަށް އިތުރުވެފައެވެ. ބަލި ފެތުރޭ މިންވަރު 1އަށްވުރެ ދަށުގައި ބެހެއްޓިއްޖެނަމަ ބަލި ފެތުރޭ މިންވަރު އިތުރުވިޔަ ނުދީ ދެމެހެއްޓުމަށް ފަސޭހަވެއެވެ. ނަމަވެސް އެ ޢަދަދު 1އަށްވުރެ އިތުރުވެއްޖެނަމަ ބަލީގެ ނުރައްކާ ބޮޑުވެއެވެ.