ޚަބަރު

ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް އަޅައިފިނަމަ އިޤްތިޞާދު ކުރިއަރާނެ: އުރުދުޣާން


ކޯވިޑް-19އާ ދެކޮޅަށް ތުރުކީވިލާތުން ކުރި ބައެއް މަސައްކަތްތައް ނާކާމިޔާބުވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް އެޅިއްޖެނަމަ އެ ޤައުމުގެ އިޤްތިޞާދު ކުރިއަރާނެކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ތުރުކީވިލާތުގައި އަޅާފައިވާ ބައެއް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމައި ރެސްޓޯރަންޓުތަކާއި ކެފޭތައް އަލުން ހުޅުވައި ޢާންމު ދަތުރުފަތުރު ކުރުމުގެ ޙުއްދަ ޖޫން 1ވަނަ ދުވަހުވަނީ ދީފައެވެ. ނަމަވެސް ފިޔަވަޅުތަކަށް ލުއި ދިން ފަހުން އެ ޤައުމުގައި ބަލި ޖެހޭ މީހުންގެ ޢަދަދުވަނީ ދެގުނައަށް އިތުރުވެފައެވެ. ދުވާލަކު 1،600 މީހުންނަށް ބަލި ޖެހޭތީ އެ ޤައުމުގައި ދެވަނަ ފަހަރަށް ހަލުވިކަމާއެކު ބަލި ފެތުރެންފަށައިފާނެކަމުގެ ކަންބޮޑުވުންވަނީ އިތުރުވެފައެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ހިޠާބެއްގައި ރައީސް އުރުދުޣާން ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ބަލި ފެތުރޭ މިންވަރު އިތުރުވުމުން ކޯވިޑް-19އާ ދެކޮޅަށް ތުރުކީވިލާތުން ކޮށްފައިވާ ބައެއް މަސައްކަތްތައް ނާކާމިޔާބުވެފައިވާކަން ދޭހަކޮށްދޭކަމަށެވެ. ނަމަވެސް ސާފުތާހިރުކަމާއި މާސްކު ބޭނުންކުރުމާއި އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތައް އެޅުމުގައި އިތުރަށް ހަރުދަނާވެއްޖެނަމަ ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. ހީނަރުވެފައިވާ އިޤްތިޞާދު ރަނގަޅުވަމުން އަންނަކަމުގެ ނިޝާންތައް ފެންނަމުންދާކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި އިތުރަށް ސަމާލުވެއްޖެނަމަ މި އަހަރުގެ ދެވަނަ ބައިގައި ޤައުމުގެ އިޤްތިޞާދު ކުރިއަރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ތުރުކީވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައިވަނީ މާއަވަހަށްކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ ޤައުމުގެ އިޤްތިޞާދު އިތުރަށް ހީނަރުވާނެކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރެއެވެ.