ޚަބަރު

ޖަރުމަނުވިލާތުގައި ކޯވިޑް-19 ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވަނީ


ޖަރުމަނުވިލާތުގައި ކޯވިޑް-19 ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވެއްޖެއެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް އޮންނަ ޖަރުމަނުވިލާތުގައި ހަލުވިކަމާއެކު ބަލި ފެތުރެމުންގޮސް ފާއިތުވި ހަފުތާތަކުގައި ބަލި ފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެ ޤައުމުގެ ޢާންމު ޙާލަތު ރަނގަޅުވީ ބަލި ފެތުރެން ފެށުމުން އެޅި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއިންކަމަށް ޤަބޫލުކުރެވެއެވެ. ބަލިފެތުރޭ މިންވަރު ދަށަށް ދާން ފެށުމުން އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްވަނީ ލުއި ދީފައެވެ.

ބަލި ފެތުރޭ މިންވަރު ބަލާ މިންގަޑު ދޭހަކޮށްދެނީ ބަލިޖެހިފައިވާ މީހެއްގެ ފަރާތުން ބަލި ފެތުރެނީ ކިތައް މީހުންނަށްކަމެވެ. ބަލި ފެތުރޭ މިންވަރު 1އަށްވުރެ ދަށުގައި ބެހެއްޓިއްޖެނަމަ އެ ޤައުމެއްގައި ބަލި ފެތުރޭ މިންވަރު އިތުރުވިޔަ ނުދީ ދެމެހެއްޓުމަށް ފަސޭހަވެއެވެ. ނަމަވެސް އެ ޢަދަދު 1އަށްވުރެ އިތުރުވެއްޖެނަމަ ބަލީގެ ނުރައްކާ ބޮޑުވެއެވެ.

ޖޫން 19ވަނަ ދުވަހު ޖަރުމަނުވިލާތުގައި ބަލި ފެތުރޭ މިންވަރު 1.06ގައި ހުރުމަށްފަހު ޖެހިގެން އައި ދުވަހު އެ ޢަދަދުވަނީ ކުއްލިއަކަށް 1.79އަށް އިތުރުވެފައެވެ. އެހެންކަމުން ބަލިޖެހޭ ކޮންމެ 100 މީހެއްގެ ފަރާތުން 179 މީހުންނަށް ބަލި ޖެހެއެވެ.

ޖަރުމަންވިލާތުގައި ބަލި ފެތުރޭ މިންވަރު ކުއްލިއަކަށް އިތުރުވެފައިވަނީ އެއްގަމު މަސް ބަންދުކުރާ ކާރުހާނާތަކާއި ޕާރުސަލު ފޮނުވާ މަރުކަޒުތަކާއި ރެފިއުޖީން ދިރިއުޅޭ ހިޔާތަކުގައި ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވުމުންނެވެ. ޢާއިލީ ޕާޓީތަކާއި ދީނީ އެއްވުންތަކުގެ ސަބަބުންވެސް އެ ޢަދަދުވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފައެވެ. ބަލި ފެތުރޭ މިންވަރު އިތުރުވާނަމަ އަލުން ފުރަބަންދުކުރަން ޖެހިދާނެކަމުގެ އިންޒާރު އެ ޤައުމުގެ ސަރުކާރުންވަނީ ދީފައެވެ.