ޚަބަރު

ސަޢުދީ ޢަރަބިއްޔާގައި އިޢުލާނުކުރި ކާފިއު އުވާލައިފި


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ސަޢުދީ ޢަރަބިއްޔާގައި އިޢުލާނުކުރި ކާފިއު އުވާލައި ވިޔަފާރިތައް އަލުން ހުޅުވުމުގެ ޙުއްދަ އެ ޤައުމުގެ ސަރުކާރުން ދީފިއެވެ.

ބަލި ފެތުރޭ މިންވަރު ދަށްކުރުމަށް މީގެ ތިން މަސް ދުވަސް ކުރިން ސަޢުދީ ޢަރަބިއްޔާގައިވަނީ ފުރަބަންދު އިޢުލާނުކޮށް، ގިނަ ސިޓީތަކާއި އަވަށްތަކުގައި 24 ގަޑިއިރުގެ ކާފިއުއެއް ހިންގައިފައެވެ. އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތައް 3 މަރުޚަލާއަކަށް ބަހާލައިގެން ލުއި ދިނުމަށް ނިންމާފައިވާކަމަށް މެއި މަހުގެ ތެރޭގައި އިޢުލާނުކޮށްފައިވެއެވެ. އެ ލުއިތަކުގެ ދަށުން އެ ޤައުމުގެ ހުރިހާ ސަރަޙައްދެއްގައި އިޢުލާނުކޮށްފައިވާ ކާފިއު ޖޫން 21ވަނަ ދުވަހު އުވާލުމަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް ދަތުރުފަތުރުކުރުމާއި ބޭރަށް ނުކުތުންފަދަ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތަކަށް މެއި 28ވަނަ ދުވަހު ލުއި ދިންފަހުން އެ ޤައުމުގައި ބަލި ފެތުރޭ މިންވަރުވަނީ އިތުރުވެފައެވެ.

އަލަށް ދިން ލުއިތަކުގެ ދަށުން ވިޔަފާރިތައް އަލުން ހުޅުވައި މައްކާ ހިމެނޭ ސަރަޙައްދުގެ މިސްކިތްތައް ހުޅުވި ނަމަވެސް އުމްރާގެ އަޅުކަމާއި ބައިނަލްއަޤުވާމީ ދުތުރުފަތުރު އަދިވެސް އޮތީ މެދުކަނޑާލައިފައެވެ. އަދި 50އަށްވުރެ ގިނަ މީހުން ބައިވެރިވާ އެއްވުންތައް ބޭއްވުމުގެ ޙުއްދަވެސް ދީފައެއް ނުވެއެވެ.

ސަޢުދީ ޢަރަބިއްޔާގައި 154،233 މީހުންނަށް ކޯވިޑް-19 ޖެހި، 1،230 މީހުންވަނީ މަރުވެފައެވެ. ގަލްފު ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ސަޢުދީ ޢަރަބިއްޔާއަށެވެ.

ކޮންމެ އަހަރަކުވެސް 2.5 މިލިއަން މީހުންނަށްވުރެ ގިނަ މީހުން ޙައްޖު މޫސުމުގައި މައްކާއާއި މަދީނާއަށް ދަތުރުކުރެއެވެ. ބަލި ފެތުރޭ މިންވަރު ދަށްކުރުމަށް ކުރިއަށް އޮތް ޙައްޖު މޫސުމުގައި ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭ މީހުންގެ ޢަދަދު މަދުކުރަން އެ ޤައުމުން ދަނީ ވިސްނަމުންނެވެ.