ޚަބަރު

ފުލުހުންގެ ބިލަށް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި


ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ދިރާސާ ކުރަމުންދާ "ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު"އަށް އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

މި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މިހިނގާ ޖޫން މަހުގެ 30 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކޮމިޓީގެ މެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދެއްވުމަށް މަޖިލީހުގެ އިދާރާއިންވަނީ އިއުލާންކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ މިބިލް މަޖިލީހަށް ބަލައިގަތުމަށް ފާސސްވެފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 71 މެމްބަރުންގެ ވޯޓުންނެވެ.

މި ބިލްގައި ހުރި މައިގަނޑު ބައިތަކަށް ބަލާއިރު ފުލުހުންނަށް ބޮޑެތި އިޚްތިޔާރުތަކާއި ބާރުތައް ދިނުމަށް ހުށަހެޅިފައިވެއެވެ. އެގޮތުން ފުލުހުން އިންތިޒާމްވާނެ ގޮތާއި، ފުލުހުންގެ އޮނިގަނޑު އެކުލަވާލާނެގޮތާއި، ރޭންކްތައް ރެކްރޫޓްވާނެ ގޮތާއި، ބާރުތަކާއި މަސްއޫލިއްޔަތުތައް ބެހިގެންދާނެ ގޮތާއި، އަޚުލާގާއި ސުލޫކު ބަޔާންކުރުމާއި، ތަމްރީނާއި ތައުލީމް ލިބިފައިވާ މިންވަރު ބެލުމާއި، ފުލުހުންގެ އިސްމަގާމުތަކުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން މަސައްކަތުގެ ދާއިރާގައި ފުލުހުން ތަންތަނަށް ވަނުމާއި، ބަލާ ފާސްކުރުމާއި، އަމަން ނަގާލައި ހަމަނުޖެހުން ހިންގާއިރު އަމަލުކުރާނެ ގޮތްތައްވެސް ކަނޑައަޅާފައިވެއެވެ. އަދި ފުލުހުންނާއިމެދު އިސްލާހީ ފިޔަވަޅު އެޅޭނެގޮތާއި، ފުލުހުންނަށް ދޭނެ އިނާޔަތްތައްވެސް ބަޔާންކޮށް، ފުލުހުން ކުރާނެ ކުށްތައް ބަލައި ތަހުގީގް ކުރާނެ އޮނިގަޑެއްވެސް މިބިލްގެ ތެރެއިން އެކުލެވިގެންދާނެއެވެ.

ފުލުހުންގެ ބިލުގައި ހިމެނޭ މުހިންމު ބައެއް ކަންތައްތައް:


- ޤާނޫނު އަސާސީއާއި ޤާނޫނާއި ޚިލާފަށް އަމަލުކުރާ ފުލުހުންނަށާއި، ނަހަމަގޮތުގައި ފުލުހުންގެ ނާޖައިޒް ބޭނުންތައް ކުރާ ފުލުހުންނާމެދު އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުން.
- މާލޭގެ އިތުރުން ފުުލުހުންގެ އިދާރާ ލާމަރުކަޒީ އުސޫލުން ހިންގާނެ 7 ސަރަހަދެއް ކަނޑައެޅުން.
- ކޮންމެ ސަރަހައްދެއްގައި ރީޖަނަލް ޕޮލިސް ކޮމިޝަނަރެއް (ޑެޕިއުޓީ ކޮމިޝަނަރގެ ލެވެލްގައި) ކަނޑައެޅުން.
- ކޮންމެ ސަރަހައްދެއްގައިވެސް ހިނގާ ކަންކަން އެސަރަހައްދެއްގެ ރީޖަނަލް ކޮމިޝަނުން ބަލައި ފިޔަވަޅު އަޅައި ތަންފީޒުކުރާނެ ގޮތްތަކެއް އެސަރަހައްދުގައި ކަނޑައެޅުން.
- ކޮމިޝަނަރ އޮފް ޕޮލިސް އައްޔަންކޮށް ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ 7 މެމްބަރުންގެ ބޯޑެއް އެކުލަވާލުން.
- ފުލުހުން ކުރާ ކުށް ތަޙްގީގް ފުލުހުންގެ ތެރޭގައި ކުުރުމުގެ ބަދަލުގައި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ބެލުން.
- ފުލުހުން ރެގިއުލޭޓްކުރާ ޤަވާއިދު ހޯމް މިނިސްޓްރީން ހެދުން.
- ފުލުހުންގެ މަސައްކަތުގައި ހަތިޔާރުގެ ތެރޭގައި ލީތަލްވެޕަން ބޭނުން ނުކުރެވޭގޮތް ހެދުން ހިމެނެއެވެ.