ޚަބަރު

ކޭތަ ނަމާދު ކުރުން ހެނދުނު 10:30ގައި


މިއަދު ހިފާ އިރު ކޭތައާއި ގުޅިގެން ކޭތަ ނަމާދުކުރުން މާލެ ސިޓީ ފިޔަވާ އެހެން ހުރިހާ ރަށެއްގައި އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަދު ހިފާ އިރުކޭތައާއި ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކޭތަ ނަމާދު ކުރުން އޮންނާނީ ހެނދުނު 10:30 ގައެވެ.

މިއިރުކޭތަ ހިފަން ފަށާނީ މިއަދު ހެނދުނު 9:39 ގައި ކަމަށާއި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މިއަދު ހެނދުނު 10:51 ގައެވެ. އަދި އިރުކޭތަ ވީއްލާނީ މެންދުރު 12:14 ގައެވެ. މިކޭތައަކީ ހަމަލޮލަށް ފެންނާނެ ކޭތައެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކޭތަ އެންމެ ސާފުކޮށް ފެންނާނީ އެކްސްރޭ ޝީޓް ފަދަ ހުރަހެއް ބޭނުންކޮށްގެންކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ފުރިހަމަ އިރުކޭތައެއް ހިފާނެއެވެ. އެކަމަކު އެ އިރުކޭތަ ފެންނާނީ ދެކުނު އެމެރިކާ ބައްރުގެ އާޖެންޓީނާ އާއި ޗިލީއަށް އެކަންޏެވެ.

ރާއްޖެއަށް ފުރިހަމަ އިރުކޭތައެއް ފެނިފައި ވަނީ، 2010 ވަނަ އަހަރުގެ ޖެނުއަރީ 15 ވީ ހުކުރު ދުވަހުގައެވެ.