ސިޔާސީ ލީފުލެޓު ދެކުނު ކޮރެޔާއަށް ފޮނުވަން އުތުރު ކޮރެޔާއިން ނިންމައިފިއެވެ.
އުތުރު ކޮރެޔާ ދޫކޮށް ދެކުނު ކޮރެޔާއަށް ހިޖުރަކޮށްފައިވާ މީހުން ޤަވައިދާ ޚިލާފަށް ސިޔާސީ ލީފުލެޓާއި މަޖައްލާފަދަ ތަކެތި ފޮނުވާކަމަށް ބުނެ އުތުރު ކޮރެޔާއިންވަނީ ދެކުނު ކޮރެޔާއަށް ވަރަށް ބޮޑަށް ފާޑުކިޔައި ދެ ކޮރެޔާގެ މެދުގައި މުވާލަސާތު ކުރުމަށް ޤާއިމުކޮށްފައިވާ އިދާރާއެއް ގޮށްވާލައިފައެވެ. އެ މައްސަލަ ޙައްލުކުރުމަށް ދެކުނު ކޮރެޔާއިން މަޝްވަރާކުރުމަށް ހުށަހެޅުމުން އުތުރު ކޮރެޔާއިންވަނީ އެ ހުށަހެޅުމަށް ދެކޮޅު ހެދުމަށްފަހު ދެ ޤައުމުން ޙިއްޞާކުރާ ސަރަޙައްދީ ރޮނގު ކައިރިއަށް އިތުރު ސިފައިން ފޮނުވާނެކަމަށް ބުނެފައެވެ.
އުތުރު ކޮރެޔާގެ ރަސްމީ ނޫހުން ބުނީ ކޮންމެ ޢަމަލަކަށްވެސް އެކަށީގެންވާ ރައްދެއް ދޭންޖެހޭނެކަމަށާއި އެ ބައެއްގެ ޢަމަލު އަމިއްލައަށް ތަޖުރިބާކުރުމުން ނޫނީ އެއީ ކިހާ ބޮޑު ބޭއިޚުތިރާމެއްކަން އިޙުސާސުނުވާނެކަމަށެވެ. ދެކުނު ކޮރެޔާއަށް އެކަން އަންގައި ދިނުމަށް ގިނަ ޢަދަދެއްގެ ލީފުލެޓުތައް ތައްޔާރުކޮށް ފޮނުވުމަށް އެ ޤައުމުން ތައްޔާރުވަމުންދާކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.