ޚަބަރު

ބެލްޓު އެންޑު ރޯޑު އިނީޝިއޭޓިވަށް ކޯވިޑް-19ގެ ނޭދެވޭ އަސަރު


ކޯވިޑް-19ގެ ސަބަބުން ޗައިނާގެ ބެލްޓު އެންޑު ރޯޑު އިނީޝިއޭޓިވުގެ ދަށުން ހިންގާ އިޤްތިޞާދީ އުމުރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ކޯވިޑް-19ގެ ސަބަބުން 40 އިންސައްތަ މަޝްރޫޢުއަށް މާބޮޑު އަސަރެއް ކޮށްފައެއް ނުވެއެވެ. އަދި 40 އިންސައްތަ މަޝްރޫޢުތަކަށްވަނީ ކޮންމެވެސް ވަރަކަށް ނޭދެވޭ އަސަރުކޮށްފައެވެ. ބަލިމަޑުކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވަނީ 20 އިންސައްތަ މަޝްރޫޢުތަކަށެވެ. ކުރިން ލަފާކުރި ވަރަށްވުރެ ދިރާސާގެ ނަތީޖާ ރަނގަޅުކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި އެ ޤައުމުން ހިންގާ އެއްވެސް މަޝްރޫޢުއެއް ހުއްޓާލަން ނިންމާފައިނުވާކަމަށްވެސް އެ ވުޒާރާއިންވަނީ ފާހަގަކޮށްފައެވެ.

ރޭލު ދަތުރުކުރާ މަގުތަކާއި ބަނދަރުތަކާއި ހައިވޭފަދަ އެއް ޤައުމު އަނެއް ޤައުމު ގުޅުވާދޭ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް 100އަށްވުރެ ގިނަ ޤައުމުންވަނީ ޗައިނާއާއެކު އެއްބަސްވެފައެވެ. ބެލްޓު އެންޑް ރޯޑު އިނިޝިއޭޓިވުގެ ދަށުން ދުނިޔޭގެ އެކި ޤައުމުތަކުގައި 3.7 ޓްރިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި 2،600އަށްވުރެ ގިނަ މަޝްރޫޢު ޗައިނާއިން ދަނީ ހިންގަމުންނެވެ.

ޗައިނާއިން ބުނީ އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް މުދާ ގެންދިއުމަށް ކުރިމަތިވެފައިވާ ދަތިތަކާއި ކޯވިޑް-19ން ރައްކާތެރިވުމަށް އެކި ޤައުމުތަކުގައި ޤައުމީ ފެންވަރުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މަޝްރޫޢުތަކަށް ބުރޫއަރާފައިވާކަމަށެވެ. ދުނިޔޭގެ ޙާލަތު ރަނގަޅުވަމުންދާވަރަކަށް މަޝްރޫޢުތައް އަލުން ފަށައި ދުވެލި އަވަސްވާނެކަމަށް ޤަބޫލުކުރާކަމަށް އެ ޤައުމުން ބުންޏެވެ.