ގުޅިފައިވާ އެއްބައިވަންތަ ކޮރެޔާއެއް އުފެއްދުމަށް މަސައްކަތްކުރާ ވުޒާރާ ހިންގަވަމުންދިޔަ ކިމް ޔިއޮން ޗުލް އެ މަޤާމުން އިސްތިޢުދާދެއްވައިފިއެވެ.
އުތުރު ކޮރެޔާ ދޫކޮށް ދެކުނު ކޮރެޔާއަށް ހިޖުރަކޮށްފައިވާ މީހުން އުތުރު ކޮރެޔާއަށް ޤަވައިދާ ޚިލާފަށް ސިޔާސީ ލީފުލެޓާއި މަޖައްލާފަދަ ތަކެތި ފޮނުވާކަމަށް ބުނެ އުތުރު ކޮރެޔާއިންވަނީ ދެކުނު ކޮރެޔާއަށް ވަރަށް ބޮޑަށް ފާޑުކިޔައި ދެ ކޮރެޔާގެ މެދުގައި މުވާލަސާތު ކުރުމަށް ޤާއިމުކޮށްފައިވާ އިދާރާއެއް ގޮށްވާލައިފައެވެ. އެ މައްސަލަ ޙައްލުކުރުމަށް ދެކުނު ކޮރެޔާއިން މަޝްވަރާކުރުމަށް ހުށަހެޅުމުން އުތުރު ކޮރެޔާއިންވަނީ އެ ހުށަހެޅުމަށް ދެކޮޅު ހެދުމަށްފަހު ދެ ޤައުމުން ޙިއްޞާކުރާ ސަރަޙައްދީ ރޮނގު ކައިރިއަށް އިތުރު ސިފައިން ފޮނުވާނެކަމަށް ބުނެފައެވެ.
ދެ ކޮރެޔާގެ ދެމެދުގައި އޮންނަ ގުޅުން ގޯސްވެފައިވަނީ އޭނާގެ ކުށުންކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެ ކިމް ޔިއޮން ޗުލްވަނީ ވަޒީރުކަމުން އިސްތިޢުފާދެއްވުމަށް ހުށަހަޅުއްވާފައެވެ. ދެކުނު ކޮރެޔާގެ ރައީސް މޫން ޖެއި އިންވަނީ އޭނާގެ އިސްތިޢުފާ ޤަބޫލުކުރައްވާފައެވެ.
ކޯވިޑް-19 ފެތުރުމުން ދެކުނު ކޮރެޔާގެ ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ފާއިތުވި ތިންމަސް ދުވަހުގެ ތެރޭގައި ރައީސް މޫން ޖެއި އިންގެ މަޤުބޫލުކަންވަނީ އިތުރުވެފައެވެ. ނަމަވެސް ދެ ކޮރެޔާގެ ދެމެދުގައި އޮތް ގުޅުން ގޯސްވުމުން އޭނާއަށް އޮންނަ ތާޢީދުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.