ފާއިތުވި މަދު ދުވަސްތަކުގައި އުތުރު ކޮރެޔާގެ ޢަމަލުތައް ހުރި ގޮތުން އެ ޤައުމަކީ އެޝިޔާ ޕެސިފިކު ސަރަޙައްދަށް އޮތް ބޮޑު ނުރައްކަލެއްކަން ހާމަވެފައިވާކަމަށް އެމެރިކާގެ ދިފާޢީ ވުަޒާރާއިން ބުނެފިއެވެ.
އިންޑޯ ޕެސިފިކު ސަރަޙައްދުގެ ސަލާމަތީ ކަންކަމާބެހޭ އެކްޓިން އެސިސްޓަންޓު ޑިރެކްޓަރު ޑޭވިޑް ހެލްވީ ވިދާޅުވީ އުތުރު ކޮރެޔާގެ ޢަމަލުތަކުން އެ ޤައުމާމެދު ހުށިޔާރުވެ ތިބެންޖެހޭކަން ދޭހަކޮށްދެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އުތުރު ކޮރެޔާއިން ޢަމަލުކުރާނީ ކޮންގޮތަކަށްކަމެއް ބުނަން ނޭނގޭކަމަށް އޭނާ ވިދާޅުވިއެވެ.
ދެ ކޮރެޔާގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ގޯސްވެ އުތުރު ކޮރެޔާއިންވަނީ ދެކުނު ކޮރެޔާއާ މުވާސަލާތު ކުރުމަށް ބޭނުންކުރާ އިދާރާ ގޮއްވާލާފައެވެ. އެ މައްސަލަ ޙައްލުކުރުމަށް ދެކުނު ކޮރެޔާއިން މަޝްވަރާކުރުމަށް ހުށަހެޅުމުން އުތުރު ކޮރެޔާއިންވަނީ އެ ހުށަހެޅުމަށް ދެކޮޅު ހަދާ، ދެ ޤައުމުން ޙިއްޞާކުރާ ސަރަޙައްދީ ރޮނގު ކައިރިއަށް އިތުރު ސިފައިން ފޮނުވާނެކަމަށް ބުނެފައެވެ. އުތުރު ކޮރެޔާގެ ޢަމަލުތަކުގެ ސަބަބުން އުފެދިފައިވާ މައްސަލަތައް ޙައްލު ކުރެއްވުމަށް ދެކުނު ކޮރެޔާގެ ރައީސް މޫން ޖެއި އިން ކުރައްވާ މަސައްކަތަށްވަނީ ހިޔަނި އެޅިފައެވެ. އަދި އުތުރު ކޮރެޔާގެ ނިއުކްލިއަރ މަޝްރޫޢު ހުއްޓާލުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތަށްވަނީ ބުރޫއަރައިފައެވެ.
ދެ ކޮރެޔާގެ ދެމެދު އުފެދިފައިވާ މައްސަލަތަކާ ގުޅޭގޮތުން އެމެރިކާއަށް އެއްޗެއް ނުބުނެވޭނެކަމަށާއި ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބު އޮމާންކޮށް ކުރިއަށްގެންދަން ބޭނުންވާނަމަ އެންމެ ރަނގަޅުވާނީ އެމެރިކާއިން އެ މައްސަލައިގެ ތެރެއަށް ނުވަނުންކަމަށް އުތުރު ކޮރެޔާއިން މީގެ ކުރިންވަނީ ބުނެފައެވެ. އެއާއެކު ނިއުލްކިއަރ އަދި ދުރު ރާސްތާއަށް ދަތުރުކުރާ މިސައިލުތަކުގެ ތަހުލީލު އުތުރު ކޮރެޔާއިން އަލުން ފަށާނެކަމަށްވަނީ ބެލެވިފައެވެ.