ޚަބަރު

އދގެ ސަލާމަތީ މަޖިލީހުގެ ފަހު ގޮނޑި ކެންޔާއަށް


އދގެ ސަލާމަތީ މަޖިލީހުގެ ފަހު ގޮނޑި ކެންޔާއިން ކާމިޔާބުކޮށްފިއެވެ.

ފަނަރަ މެންބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުގެ ދާޢިމީ މެންބަރުންގެ ގޮތުގައި 5 ޤައުމެއް އޮވެއެވެ. އެއީ އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޗައިނާއާއި ރަޝިޔާއެވެ. ބާކީ 10 މެންބަރުންނަކީ ވަގުތީ މެންބަރުންނެވެ. ވަގުތީ މެންބަރުންގެ ދައުރުގެ މުއްދަތަކީ ދެ އަހަރެވެ. އޭގެ ތެރެއިން 5 ޤައުމެއް ކޮންމެ އަހަރަކުވެސް ބަދަލުވާނެއެވެ. އަނެއް 5 ޤައުމު ބަދަލުވާނީ ޖެހިގެން އަންނަ އަހަރުއެވެ.

އދގެ އާންމު ޖަލްސާތައް ބާއްވާ ދަރުބާރުގައި ގިނަ ދުވަސްތަކަކަށްފަހު ބޭއްވި ބައްދަލުވުމެއްގައި ސަލާމަތީ މަޖިލީހުގެ 5 ގޮނޑީގެ ތެރެއިން 4 ގޮނޑިއަށް އިންޑިޔާއާއި އަޔަލެންޑާއި ނޯވޭއާއި މެކްސިކޯވަނީ އިންތިޚާބުވެފައެވެ. ފުރަތަމަ ބުރުގެ ވޯޓުލުމުން އެފުރިކާ ތަމްޞީލުކުރާ ގޮނޑިއަށް ވާދަކުރި ކެންޔާއާއި ޖިބޫޓީންކުރެ އެއްވެސް ޤައުމަށްވެސް ގޮނޑި ކާމިޔާބުކުރަން ބޭނުންވާވަރަށް ވޯޓު ލިބިފައެއް ނުވެއެވެ. އެހެންކަމުން އެ ސަރަޙައްދުގެ ގޮނޑިއަށް ޤައުމެއް އިންތިޚާބުކުރުމަށްވަނީ ދެވަނަ ފަހަރަށް ވޯޓުލައިފައެވެ. ފަހުން ނެގި ވޯޓުގައި ކެންޔާއަށް ލިބުނީ 129 ވޯޓެވެ. އަދި ޖިބޫޓީއަށް ލިބުނީ 62 ވޯޓެވެ. އަލަށް އިންތިޚާބުވި ޤައުމުތަކުގެ އައު ދަޢުރު ފެށާނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

ސަލާމަތީ މަޖިލީހަކީ އދގެ އެންމެ ބާރުގަދަ އަދި ނުފޫޒުގަދަ ގުނަވަނެވެ. އެ މަޖިލީހަށް ޤައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ބާރުގެ ބޭނުންކުރުމަށް ނިންމުމުގެ ބާރު އޮވެއެވެ. ނަމަވެސް، އެ މަޖިލީހުގެ ނިންމުންތައް ބާޠިލުކުރުމުގެ ބާރު އެ މަޖިލީހުގައި ހިމެނޭ ދާޢިމީ ފަސް ޤައުމަށް އޮވެއެވެ.