ޚަބަރު

ސޫރިޔާއާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އެމެރިކާއިން އަޅައިފި


ސޫރިޔާގެ ރައީސް ބައްޝާރުލް ޢަސަދަށް ޢަމާޒުކޮށް ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކެއް އެމެރިކާއިން އަޅައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕް ސޮއިކުރައްވާ ނެރުއްވި ރިޔާސީ އަމުރުގެ މަޤްސަދަކީ ފާއިތުވި 10 އަހަރު ސޫރިޔާގައި ކުރަމުންދާ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސް އެ ޤައުމުގައި ޞުލްޙަ ޤާއިމުކުރުމެވެ. އެ ޤައުމަށް ފައިސާ ވަންނާނެ މަގުތައް ބަންދުކުރުމުން ހަނގުރާމަ ހުއްޓާލުމާމެދު އދއާއެކު މަޝްވަރާކުރުމަށް ސޫރިޔާއަށް މަޖުބޫރުވާނެކަމަށް އެމެރިކާއިން އުންމީދުކުރެއެވެ.

ސޫރިޔާއަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ސޫރިޔާގެ ހީނަރުވަމުންދާ އިޤްތިޞާދާއި ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ބައެއް ސަރަޙައްދުތަކުގައި ކުރާ މުޒާހަރާތަކުގެ ސަބަބުން ރައީސް ބައްޝާރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ދަތުރުކުރުމާއި މާލީ ދަތިކުރުމުގެ އައު ފިޔަވަޅުތަކުގެ ސީދާ އަސަރު ރައީސް ބައްޝާރުގެ އަނބިކަންބަލުން އަސްމާ އަލްއަސަދަށާއި އޭނާގެ އާއިލާއަށާއި ޢައްސަދުގެ ޢާއިލީ ބޭފުޅުންނަށާއި ބައެއް އަސްކަރީވެރިންނަށާއި އީރާނުގެ ކުލީ ސިފައިންނަށް ކުރާނެއެވެ. އެމެރިކާއިން ބުނީ އެއީ ސޫރިޔާއަށް އިޤުތިޞާދީ އަދި ސީޔާސީ ފިއްތުންތައް ކުރިމަތިކުރުވުމަށް އެޅި ފުރަތަމަ ފިޔަވަޅުކަމަށާއި ކުރިއަށް އޮތް ހަފުތާތަކުގައި އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަމަށެވެ. އެ ޤައުމުން ބުނީ ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް އެ ޤައުމުގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް ހަމަނުޖެހުންތަކަށް ދާޢިމީ ޙައްލެއް ލިބުމުން ނޫނީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ހުއްޓާނުލާނެކަމަށެވެ.

ސޫރިޔާއާ ދެކޮޅަށް މީގެ ކުރިންވެސްވަނީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ފިޔަވަޅުތަކުގެ ދަށުން އެމެރިކާއިން ސޫރިޔާއަށް އެއްވެސް މުދަލެއް އެތެރެއެއް ނުކުރެވޭނެއެވެ. އަދި އެމެރިކާގެ އެއްވެސް ރައްޔިތަކަށް ސޫރިޔާއާއެކު ވިޔަފާރިއެއް ނުކުރެވޭނެއެވެ.

އަލަށް އެޅި ފިޔަވަޅުތަކުގެ ދަށުން ސޫރިޔާއާއެކު ވިޔަފާރީގައި ބައިވެރިވާ ހުރިހާ ޤައުމެއްގެ ވިޔަފާރިތަކަށް އޭގެ އަސަރު ފޯރާނެއެވެ. އެމެރިކާއިން އަޅާފައިވާ އައު ފިޔަވަޅުތަކުގެ ބޭނުމަކީ ބޭރުގެ ވިޔަފާރިތަކަށް ސޫރިޔާގައި ޙަރަކާތްތެރިނުވެވޭނެ ގޮތް ހެދުމެވެ.