ޚަބަރު

ކޯވިޑް-19ގެ އަސަރު ސީފުޑާއި މަސްވިއްކާ ތަންތަނުގައި އިންތިހާ ދަރަޖައަށް


ޗައިނާގެ ވެރިރަށް ބެއިޖިންގުގައި ހުންނަ ޒިންފޭޑީ މާރުކޭޓުގައި އެއްގަމުމަހާއި ސީފުޑު ވިއްކާ ފިހާރަތަކުން ކޯވިޑް-19ގެ އަސަރު ވަރަށް ބޮޑަށް ފެނިފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.

ގަނޑުކޮށް މުދާ ވިއްކާ އެންމެ ބޮޑު މާރުކޭޓުން ކޯވިޑް-19 ޖެހިފައިވާ 100އަށްވުރެ ގިނަ މީހުން މިދިޔަ ހަފުތާގެ ތެރޭގައިވަނީ ފެނިފައެވެ. އެއާއެކު ޗައިނާގައި ދެވަނަ ފަހަރަށް ކޯވިޑް-19 ހަލުވިކަމާއެކު ފެތުރިދާނެކަމުގެ ބިރުވަނީ ބޮޑުވެފައެވެ.

ޗައިނާއިން ކުރަމުންދާ ތަހުލީލުތަކުގެ ނަތީޖާތަކުން ދައްކާގޮތުގައި މަސް ވިއްކާ ގޮޅިތަކުގެ ފިނި ހޫނުމިން ދަށްވުމާއި ވައިގެ ތެތްކަން އިތުރުވުމުގެ ސަބަބުން އެ ސަރަޙައްދަކީ ކޯވިޑް-19 ޖައްސާ ޖަރާސީމު ގިނަ ވަގުތުތަކަކަށް ދެމިހުރެވޭ މާހައުލަކަށްވުމަކީ އެކަށީގެންވާކަމެކެވެ. އެކަން އިތުރަށް ތަހުގީގުކުރަންޖެހޭކަމަށް އެ ޤައުމުގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑު ޕްރިވެންޝަނުންވަނީ ފާހަގަކޮށްފައެވެ.

ޒިންފޭޑީ މާރުކޭޓުން ބަލިޖެހިފައިވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ސީފުޑާއި އެފަދަ އެހެން ބާވަތްތައް ވިއްކާ ގޮޅިތަކުގައި މަސައްކަތްކުރާ މީހުންނެވެ. ދެވަނައަށް އެންމެ ގިނައިން ބަލިޖެހިފައިވަނީ ގެރިމަހާއި ބަކަރިމަސް ވިއްކާ ތަންތަނުގައި މަސައްކަތްކުރާ މީހުންނަށެވެ. އޭގެ ތެރެއިން ސީފުޑު ވިއްކާ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ ހަށިގަނޑުން ބަލީގެ ޢަލާމާތްތައް އެހެން މީހުންނަށްވުރެ އަވަހަށް ފެނިފައިވާކަމަށް ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑު ޕްރިވެންޝަނުން ބުނެއެވެ.

ޒިންފޭޑީ މާރުކޭޓުގައި ބަލި ފެތުރެން މެދުވެރިވި ސަބަބު ހޯދިފައެއް ނުވެއެވެ. ނަމަވެސް ކޯވިޑް-19 ޖެހިފައިވާ ގިނަ ޢަދަދެއްގެ މީހުން ބެއިޖިންގުން ފެނުމުން ޗައިނާއިންވަނީ ވިލާތުގެ ޤައުމުތަކުން މަހުގެ ބައެއް ބާވަތްތައް އެތެރެކުރުން ވަގުތީގޮތުން މެދުކަނޑާލައިފައެވެ.