ހައިޑްރޮކްސީކްލޮރިކީނަކީ ކޯވިޑް-19އަށް ފަރުވާ ދިނުމަށް އެކަށީގެންވާ ބޭހެއްތޯ ބެލުމަށް ކުރަމުންދިޔަ ތަހުލީލުތައް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ހުއްޓާލައިފިއެވެ.
މެލޭރިޔާއަށް ފަރުވާދިނުމަށް ބޭނުންކުރާ ހައިޑްރޮކްސީކްލޮރިކީން ކޯވިޑް-19އަށް ފަރުވާދިނުމަށް ބޭނުންކުރުމުން އެއްވެސް އެދެވޭ ނަތީޖާއެއް ފެނިފައިނުވާކަމަށާއި ގިނަ ޤައުމުތަކެއް ހިމަނައިގެން ކުރަމުންދިޔަ ތަހުލީލުތައް ހުއްޓާލަން ނިންމާފައިވާކަމަށް ޑަބްލިއުއެޗުއޯއިންވަނީ ބުނެފައެވެ. ޑަބްލިއުއެޗުއޯއިން ބުނީ އެގޮތަށް ނިންމާފައިވަނީ ތަހުލީލުތަކުގެ އެންމެ ފަހުގެ ނަތީޖާތަކަށާއި އިނގިރޭސިވިލާތުގައި ކުރި ތަހުލީލެއްގެ ނަތީޖާގެ މައްޗަށް ރިޢާއަތްކުރުމަށްފަހުކަމަށެވެ. އެ ނަތީޖާތަކުން ދައްކާގޮތުގައި ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށް ހައިޑްރޮކްސީކްލޮރިކީން ބޭނުންކުރުމުން ބަލިޖެހިފައިވާ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެދީފައެއް ނުވެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނީ ހައިޑްރޮކްސީކްލޮރިކީންގެ ތަހުލީލުތަކަށް އައު ބައިވެރިން ނުނަގާނެކަމަށެވެ. އަދި ތަހުލީލީ ބޭނުމަށް ބޭސް ބޭނުންކުރަމުންދާ މީހުންގެ ޑޯޒް ހަމަވަންދެން ބޭސް ބޭނުންކުރުން ކުރިއަށްގެންދާނެކަމަށާއި ތަހުލީލުކުރާ ޑޮކްޓަރުންގެ ލަފަޔާއެކު ބޭސް ބޭނުންކުރުން ހުއްޓާލުމުގެ ފުރުޞަތުވެސް އޮތްކަމަށެވެ.
ހައިޑްރޮކްސީކްލޮރިކީނަކީ ކޯވިޑް-19އަށް ފަރުވާދިނުމަށް އެކަށީގެންވާ ބޭހެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕްވަނީ ވިދާޅުވެފައެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ކުރި ދިރާސާއިން ކޯވިޑް-19އަށް ފަރުވާދިނުމަށް ހައިޑްރޮކްސީކްލޮރިކީން ބޭނުންކުރުމުން އެއްވެސް ފައިދާއެއް ކޮށްފައިނުވާކަމަށް އެނގުމުން އެމެރިކާގެ ފުޑު އެންޑު ޑްރަގު އޮތޯރިޓީ، އެފުޑީއޭއިންވަނީ ހައިޑްރޮކްސީކްލޮރިކީން ބޭނުންކުރުމަށް ދިން ޙުއްދަ ބާޠިލްކޮށްފައެވެ.