ކޯވިޑް-19އަށް ފަރުވާ ދިނުމަށް ޑެކްސަމެތަސޮން ބޭނުންކުރުމުގެ ޙުއްދަ ސައުދީ ޢަރަބިއްޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ދީފިއެވެ.
ކޯވިޑް-19އަށް ފަރުވާ ދިނުމުގައި ޑެކްސަމެތަސޮން ބޭނުންކުރަން ނިންމީ އޮކްސިޖަން ބޭނުންވާ މީހުންނަށާއި ޙާލުބޮޑުވާ ބަލި މީހުންނަށް އެ ބޭސް ދިނުމުން އެ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެހީވެދޭކަމަށް ފާހަގަކުރެވޭކަމަށް އެ ބޭހާ ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކުން ދެއްކުމުންކަމަށް ސައުދީ ޢަރަބިއްޔާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. ވެންޓިލޭޓަރު ބޭނުންކޮށްގެންނާއި އައިސީޔޫތަކުގައި ފަރުވާ ހޯދަމުންދާ މީހުންނަށް ޑެކްސަމެތަސޮން ދިނުމުން އެމީހުން މަރުވުމުގެ ފުރުޞަތު 35 އިންސައްތައަށް ދަށްވާކަމަށް އެނގިފައިވާކަމަށް އެ ވުޒާރާއިންވަނީ ފާހަގަކޮށްފައެވެ. އަދި އެ ބޭސް ދިނުމުން އޮކްސިޖެން ދީގެން ފަރުވާ ހޯދާ މީހުން މަރުވާ ނިސްބަތް 20 އިންސައްތައަށް ދަށްކޮށްދޭކަމަށްވެސް ދިރާސާތަކުން ދައްކައެވެ.
ފަސޭހައިން ލިބެން ހުންނަ އަދި އަގުހެޔޮ ބޭހެއްކަމަށްވާ ޑެކްސާމެތަސޮނަކީ ރާއްޖެބައްޔާއި ނޭވާހިއްލުންފަދަ ބަލިތަކަށް ފަރުވާދިނުމަށް 1960ގެ އަހަރުތަކުން ފެށިގެން ދުނިޔޭގައި ބޭނުންކުރަމުންދާ ބޭހެކެވެ. ކޯވިޑް-19 ޖެހިގެން ޙާލުބޮޑުވެފައިވާ ބަލި މީހުން އެންމެ 5 ޕައުންޑަށް ގަންނަން ލިބޭ ޑެކްސާމެތަސޮން 10 ދުވަހުގެ މުއްދަތަށް ބޭނުންކުރުމުން އެ މީހުންގެ ފުރާނަ ސަލާމަތްކުރެވޭކަމަށް އެ ބޭހާ ގުޅޭ ދިރާސާތައް ކޮށްފައިވާ އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީއިންވަނީ ބުނެފައެވެ. އެ ބޭހަކީ ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގައި ލިބެން ހުންނަ އަގުހެޔޮ ބޭހަކަށްވުމުން ފަޤީރު ޤައުމުތަކަށްވެސް އެ ބޭސް ފޯރުކޮށްދެވޭނެކަމަށާއި ހަސްފަތާލުތަކުގައި ވީހާވެސް އަވަހަށް އެ ބޭސް ބޭނުން ކުރަންޖެހޭކަމަށް އޮކްސްފޯޑުންވަނީ ބުނެފައެވެ.