ޚަބަރު

އުއިގަރ މުސްލިމުންގެ މައްސަލައިގައި ޗައިނާއަށް ފިޔަވަޅު އަޅަން ބިލެއް ތަސްދީޤުކޮށްފި


ޗައިނާގެ ޝިންޖިއާން ޕްރޮވިންސުގައި އުއިގަރ ދަރިކޮޅަށް ނިސްބަތްވާ މިލިއަނަކަށްވުރެ ގިނަ މުސްލިމުން ބަންދުކޮށްގެން ގެންގުޅޭކަމަށް ބުނެ ޗައިނާގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެކުލަވާލާފައިވާ ބިލެއް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕް ތަސްދީޤު ކުރައްވައިފިއެވެ.

އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުން އެ ބިލު ފާސްކޮށްފައިވަނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެ ބިލާ ދެކޮޅަށް ވޯޓުދީފައިވަނީ އެންމެ މެންބަރެކެވެ. އެ ބިލުގެ މަޤްސަދަކީ އިންސާނީ ހައްޤުތަކާ ގުޅޭގޮތުން ޗައިނާއަށް ސާފު މެސެޖެއް ފޮނުވުންކަމަށް އެމެރިކާއިންވަނީ ބުނެފައެވެ.

ޗައިނާއިން ބުނީ އެތައް ހާސް މުސްލިމުންނެއް ޝިންޖިއާންގައި ބަންދުކޮށްފައިވަނީ ތަފާތު އެކި ތަމުރީނުތައް ދިނުމަށްކަމަށާއި ޙައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތް ކުރުމަށްކަމަށެވެ. އެމެރިކާއިން ފާސްކޮށް، ތަސްދީޤުކުރި ބިލަކީ ޗައިނާއަށް ދިން ޒާތީ ޙަމަލާއެއްކަމަށް އެ ޤައުމުގެ ޚާރިޖިއްޔާއިންވަނީ ބުނެފައެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާއިން ހަދާފައިވާ ގޯސްތައް މިހާރުން މިހާރަށް އިސްލާޙު ކުރަންޖެހޭކަމަށެވެ. އަދި ޗައިނާއަށް ގެއްލުން ދިނުމަށާއި އެ ޤައުމުގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވަން ބިލުތައް ފާސްކުރުން ހުއްޓާލުމަށް ޗައިނާއިންވަނީ ގޮވާލައިފައެވެ. އެމެރިކާއިން އެގޮތަށް ޢަމަލުނުކޮށްފިނަމަ ޗައިނާއިން އެކަމުގެ ރައްދުގެ ގޮތުގައި ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރު އެ ވުޒާރާއިންވަނީ ދީފައެވެ. އެގޮތަށް އަޅާ ފިޔަވަޅެއްގެ ސަބަބުން ނުކުންނަ ނޭދެވޭ ނަތީޖާގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އެމެރިކާއިންކަމަށްވެސް ޗައިނާއިން ބުންޏެވެ.

އެމެރިކާއިން ޗައިނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބިލެއް ފާސްކޮށްފައިވަނީ ޗައިނާއިން މުސްލިމުން ބަންދުކުރަން ނިންމި ނިންމުމަށް ޓްރަންޕް ތާޢީދުކުރައްވާކަމަށް އޭނާގެ ކުރީގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޖޮން ބޮލްޓަންގެ ތަޖުރިބާއާ ގުޅޭގޮތުން އޭނާ ނެރުއްވި ފޮތުގައި ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޗައިނާއިން އަޅާފައިވަނީ ރަނގަޅު ފިޔަވަޅުތަކެއްކަމަށް ވިދާޅުވެ، ޓްރަންޕުވަނީ ތަފާތު އެކި ފަހަރުމަތިން އެ ޤައުމުގެ ސަރުކާރަށް ފާޅުގައި ތަޢުރީފުކުރައްވައިފައެވެ.

އެމެރިކާގެ ނިންމުމަށް ވޯލްޑް އުއިގަރ ކޮންގްރެސުންވަނީ މަރުޙަބާ ކިޔާފައެވެ. އެ ބިލުގެ ސަބަބުން ގޮތްހުސްވެފައިވާ އުއިގަރ މުސްލިމުންނަށް އައު އުންމީދެއް ލިބިފައިވާކަމަށް އެ ޖަމާޢަތުން ބުންޏެވެ.