އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް އިންޑިޔާއިން ހޯދައިފިއެވެ. އެ ޤައުމުގެ އިތުރުން ދެން ގޮނޑި ލިބުނީ މެކްސިކޯއަށާއި ނޯވޭއަށާއި އަޔަލެންޑަށެވެ.
ސަރަޙައްދީ ބައިވެރިވުން ޔަޤީންކުރުމަށް އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިތައް ބަހާފައިވަނީ އެކި ސަރަޙައްދުތަކުގެ ޤައުމުތައް ތަމްޞީލުވާނެގޮތަކަށެވެ. ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ކެނެޑާއާ ވާދަކޮށް އަޔަލެންޑާއި ނޯވޭވަނީ ކުރި ހޯދާފައެވެ. އެއީ ވިލާތަށް ނިސްބަތްވާ ދެ ޤައުމެވެ. އޭޝިޔާއަށް ނިސްބަތްވާ އިންޑިޔާއާއި ދެކުނު އެމެރިކާއަށް ނިސްބަތްވާ މެކްސިކޯ އިންތިޚާބުވީ އެ ދެ ޤައުމާ ދެކޮޅަށް އިތުރު ޤައުމެއް ވާދަނުކުރުމުންނެވެ. ނަމަވެސް އެފަދަ ޙާލަތްތަކުގައި ގޮނޑި ލިބުނުކަން ޔަޤީންކުރަން އދގެ 193 މެންބަރު ޤައުމުތަކުގެ ތިންބައިކުޅަ ދެބައިގެ ވޯޓު ހޯދަންޖެހެއެވެ. ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ދެން ވާދަކުރަނީ އެފުރިކާއަށް ނިސްބަތްވާ ކެންޔާއާއި ޖިބޫޓީންނެވެ. ނަމަވެސް އެ ދެ ޤައުމުގެ މެދުގައި ނެގި ވޯޓުން ވަކި ނަތީޖާއެއް ޔަޤީން ނުވުމުން އަލުން ވޯޓެއް ނަގަންވަނީ ހަމަޖެހިފައެވެ.
ފަނަރަ މެންބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުގެ ދާޢިމީ މެންބަރުންގެ ގޮތުގައި 5 ޤައުމެއް އޮވެއެވެ. އެއީ އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޗައިނާއާއި ރަޝިޔާއެވެ. ބާކީ 10 މެންބަރުންނަކީ ވަގުތީ މެންބަރުންނެވެ. ވަގުތީ މެންބަރުންގެ ދައުރުގެ މުއްދަތަކީ ދެ އަހަރެވެ. އޭގެ ތެރެއިން 5 ޤައުމެއް ކޮންމެ އަހަރަކުވެސް ބަދަލުވާނެއެވެ. އަނެއް 5 ޤައުމު ބަދަލުވާނީ ޖެހިގެން އަންނަ އަހަރުއެވެ.
ކޯވިޑް-19ގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން އިންޓަނެޓު މެދުވެރިކޮށް ބައްދަލުވުންތައް ބޭއްވި ނަމަވެސް ސަލާމަތީ މަޖިލީހަށް ވޯޓުލުމަށް އދގެ ޢާންމު ޖަލްސާ ބާއްވާ ދަރުބާރަށް މެންބަރު ޤައުމުތަކުގެ މަންދޫބުންވަނީ ހާޒިރުވެފައެވެ. އެ ބައްދަލުވުމުގައި އދގެ 75ވަނަ ޢާންމު ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ތުރުކީވިލާތުންކަމަށްވަނީ ނިންމައިފައެވެ.
ސަލާމަތީ މަޖިލީހަކީ އދގެ އެންމެ ބާރުގަދަ އަދި ނުފޫޒުގަދަ ގުނަވަނެވެ. އެ މަޖިލީހަށް ޤައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ބާރުގެ ބޭނުންކުރުމަށް ނިންމުމުގެ ބާރު އޮވެއެވެ. ނަމަވެސް، އެ މަޖިލީހުގެ ނިންމުންތައް ބާޠިލުކުރުމުގެ ބާރު އެ މަޖިލީހުގައި ހިމެނޭ ދާޢިމީ ފަސް ޤައުމަށް އޮވެއެވެ.