ޚަބަރު

އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދަން ކެނެޑާއިން ކުރި މަސައްކަތް ނާކާމިޔާބު


އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް ކެނެޑާއިން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެއެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް ކެނެޑާއާ ވާދަކޮށްފައިވަނީ ނޯވޭއާއި އަޔަލެންޑުންނެވެ. އދގެ ޢާންމު ބައްދަލުވުން ބާއްވާ ދަރުބާރުގައި ނެގި ވޯޓުގައި އަޔަލެންޑަށް ލިބިފައިވަނީ 130 ވޯޓެވެ. 128 ވޯޓާއެކު ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ އަޔަލޭންޑަށެވެ. އެންމެ މަދުން ވޯޓު ލިބުނީ ކެނެޑާއަށެވެ. އެއީ 108 ވޯޓެވެ.

މިއީ އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދަން ކެނެޑާއިން ކުރި މަސައްކަތް ވިދިވިދިގެން ނާކާމިޔާބުވި ދެވަނަ ފަހަރެވެ. 2010ވަނަ އަހަރު ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ސްޓެފަން ހާޕަރގެ ވެރިކަމުގައި ސަލާމަތީ މަޖިލީހަށް އިންތިޚާބުވުމަށް ކެނެޑާއިންވަނީ މަސައްކަތްކޮށްފައެވެ. 2015ވަނަ އަހަރު ވެރިކަމަށްވަޑައިގެންނެވި ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯވަނީ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކެނެޑާއިން ވާދަކުރާނެކަން އިޢުލާނުކުރައްވާފައެވެ. އަދި އެ މަޤުސަދު ހާޞިލްކުރެއްވުމަށް ވަރުގަދަ ކެންޕެއިނު ޓީމެއް އެކުލަވާލައްވާ ފާއިތުވި 4 އަހަރުގެ ތެރޭގައި 1.74 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރެއްވިއެވެ. ގޮނޑި ކާމިޔާބުކުރި އެއް ޤައުމުކަމަށްވާ ނޯވޭއިން ޚަރަދުކޮށްފައިވަނީ 2.8 މިލިއަން އެމެރިކާ ޑޮލަރެވެ. ދެން ގޮނޑި ކާމިޔާބުކުރި އަޔަލެންޑުން ޚަރަދުކޮށްފައިވަނީ 800،000 އެމެރިކާ ޑޮލަރެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު ފޮންސުވާ ފިލިއްޕެ ޝެންޕޭން ވިދާޅުވީ އދގެ ސަލާމަތީ މަޖިލިހުގެ ގޮނޑިއެއް ހޯދުމަށް ކެނެޑާއިން ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް އެންމެ މުހިންމު ކަމަކީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުންކަމަށެވެ. އަދި ކެނެޑާއަށް ގޮނޑި ނުލިބުނު ސަބަބު ދިރާސާކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.